މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ފޯރުކޮށްދޭ ސްކީމެއް ތައާރަފްކުރުމަށްޓަކައި މަޝްވަރާ ކުރަމުންދާ ކަމަށް ފިޝަަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ގއ. ގެމަނަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ މަސް ކިރުވުނުނަމަވެސް އެކަމުގެ ފައިސާ ނުލިބުމުގެ ސަބަބުން ތެޔޮ ގަތުމަށް މަސްވެރިންނަށް ހުރަސް އެޅޭ މައްސަލައަށް ހައްލު ހޯދައިދިނުމަށް މިފްކޯއާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"އެބޭފުޅުން ތެޔޮ ހޯދަން ދިޔައިމަ ތެޔޮ ލިބޭ ސްކީމަކާ، މިކަހަލަ ވާހަކަތަކެއް އަޅުގަނޑުމެންގެ ތެރޭގައި ދައްކައިފިން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އަދުލީ އާ ރޭގަވެސް އެވާހަކަ ދެއްކިން، ކްރެޑިޓް ސްކީމެއް ގޮތަށް ކްރެޑިޓް ކާޑެއް މެދުވެރިކޮށް، ތިބޭފުޅުންނަށް އެ ޚިދުމަތް ގެނެސްދިނުމަށްޓަކައި މަސައްކަތް ކޮށް އޭގެ ފައިދާ ތިބޭފުޅުންނާ ހަމައަށް ގެނެސްދޭނަން،" ޑރ. ޝައިނީ ވިދާޅުވިއެވެ.

މަސްކިރާ ބޯޓުތަކަށް އަރައި، މަސްވެރިންގެ ޝަކުވާތަކަށް ޖަވާބު ހޯދުމަށްޓަކައި، އޮބްޒާވަރުން މެދުވެރިކޮށް އެފަދަ ބޯޓުތައް ޗެކު ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝައނީ މިރޭ ދެއްވިއެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ، މީގެ ކުރިން 72،000 ރުފިޔާގެ އާމްދަނީއެއް ލިބެމުން އައި ލޯންގްލައިން މަސްވެރިކަމުން މިދިޔަ ތިން އަހަރު ދުވަސްތެރޭ 12 މިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ލިބިފައިވާ ކަމަށެވެ. އަދި މީގެ ކުރިން ނުބާނާ ދޫކޮށްލާ ލޯ ބޮޑު ކަންނެލީގެ މަސްވެރިކަމުން މިދިޔަ ތިން އަހަރު ތެރޭ މަސް ކުންފުނިތައް މެދުވެރިކޮށް 400 މިލިއަނަށްވުރެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައިވާ ކަމަށްވެސް ޑރ. ޝައިނީ ވިދާޅުވިއެެވެ.

"މަސްވެރިކަމުގެ ދާއިރާގަ ލިބިފަ ހުރި ތަރައްގީތަކަކީ އަޅުގަނޑުމެންނަށް މިދާއިރާ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ނުވަތަ މިއީ އިގްތިސާދީ ތަނބަށް ހެދުމަށްޓަކައި ކުރާ މަސައްކަތްތަކޭ. މި މަސައްކަތުގަ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރައީސްގެ ފަހަތުގައި ހުންނާނަން،" ޑރ. ޝައިނީ ވިދާޅުވިއެވެ.