13 Dec 2016, 22:19
ސިޔާމް-މައުރޫފް ކަޕްގެ 'ގްރޫޕް ބީ'ގެ އެއްވަނަ ގޯލުގެ ތަފާތުން އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ އެފްސީން ހޯދައިފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ހޮޅުދުއާއި މިލަދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. ގޯލުގެ ތަފާތުން މިލަދޫގެ ކުރީގައި ހޮޅުދޫ އޮތުމާ ގުޅިގެން އެ ޓީމަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފަ އެވެ.
އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ހޯދީ ހޮޅުދޫންނެވެ. މެޗުގެ ދެ ވަނަ މިނެޓުގައި ހޮޅުދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޒަމީރެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، މިލަދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު މައުރޫފެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހޮޅުދޫގެ ލަނޑު ކާމިޔާބުކޮށްދިން ޒަމީރެވެ. ހޮޅުދޫ ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗުގައި ޒަމީރު ފުރިހަމަކުރި ހެޓްރިކާއެކު، މިހާތަނަށް މުބާރާތުގައި އޭނާ ވަނީ ޖުމްލަ ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.
އެ ނަތީޖާއާ އެކު 'ގްރޫޕް ބީ'ގެ އެންމެ ކުރީގައި އޮތް ހޮޅުދުއާއި މިލަދުއަށް ވެސް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ގްރޫޕް ސްޓޭޖުގައި އެ ދެ ޓީމު ކުޅުނު ހުރިހާ މެޗެއް ނިމިފައިވާ އިރު، ހޮޅުދުއަށް ލިބިފައި ވަނީ ފައިދާ ފަސް ގޯލެވެ. އަދި މިލަދުއަށް ލިބިފައި ވަނީ ފައިދާ ތިން ގޯލެވެ. އެހެންކަމުން ގްރޫޕްގެ އެއް ވަނަ ލިބިފައި ވަނީ ހޮޅުދުއަށެވެ.
އެ ގްރޫޕުގައި ދެން ހިމެނޭ ހެނބަދޫ އެފްޓީ އާއި ޅޮހި ބޯޅަ ޓީމަށް މިހާތަނަށް ކުޅުނު ދެ މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. އެ ގްރޫޕްގެ ފަހު މެޗުގައި މާދަމާ ހަވީރު ހެނބަދުއާއި ޅޮހި ބައްދަލުކުރާނެ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ.
ސިޔާމް-މައުރޫފް ސޮކާ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.