13 Dec 2016, 21:17
ހުވަދުއަތޮޅު އުތުރުބުރީގެ ދެ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ގއ. ގެމަނަފުށީގައި އަލަށް އިމާރާތްކުރި މިސްކިތާައި، އައިސް ޕްލާންޓް ހުޅުއްވައިދެއްވައިފިއެވެ.
މިއަދު ހަވީރު ގެމަނަފުށީގައި އެމަނިކުފާނު ހުޅުއްވައިދެއްވި މިސްކިތުގެ ނަމަކީ މަސްޖިދުލް އިބްރާހީމްއެވެ. މި މިސްކިތަކީ ގެމަނަފުށީ ބަޑިޔާގޭ އަލްމަރްޙޫމް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި، ޝީޝާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގެމަނަފުށީގައި ބިނާކުރި 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝީޝާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަޙްމަދު ޙަސަން މަނިކުވަނީ މަސްޖިދުލް އިބްރާހީމްގެ މިހުރާބެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.
މިސްކިތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސް ޔާމީނު ވަނީ ގެމަނަފުށީގެ ބަނދަރު ސަރަހައްދަށް ވަޑައިގެން، އެ ސަރަހައްދުގައި ގާއިމުކުރެވިފައިވާ އައިސް ޕްލާންޓް ހުޅުއްވާދެއްވާފައެވެ.

ސަރުކާރު ލޯނު ސްކީމްގެ ދަށުން މިފްކޯއިން ގއ. ގެމަނަފުށީގައި ގާއިމުކުރި އައިސް ޕްލާންޓް. އެ އައިސް ޕްލާންޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން -- ޓުވިޓަރ ފޮޓޯ: ޖަމީލް އުސްމާން
ސަރުކާރުގެ ލޯން ސްކީމްގެ ދަށުން 3.75 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މިފްކޯގެ ފަރާތުން ގެމަނަފުށީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓްގައި ދުވާލަކު 25 ޓަންގެ އައިސް އުފެއްދޭނެއެވެ.
އައިސް ޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ ގެމަނަފުށީ ބަނދަރު ސަރަޙައްދުގައި ކުރިއަށްދިޔަ މަސްކެނޑުމުގެ މުބާރާތް ބައްލަވާލައްވާފައެވެ.