އުރީދޫ މޯލްޑިވްސް އިން މުޅި ރާއްޖޭގައި އަޅަމުންދާ ނޭޝަންވައިޑް ސަބްމެރިން ކޭބަލް،ގދ. ތިނަދޫގައި ގާއިމްކޮށްފައިފާ ލޭންޑިންގް ސްޓޭޝަނާއި މިއަދު ގުޅާލައިފިއެވެ.

އެކުންފުނިން ރާއްޖޭގައި އަޅާ ނޭޝަން ވައިޑް ސަބްމެރިން ކޭބަލް ޕްރޮޖެކްޓަކީ 25 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓު ފެށީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. ހަމަ އެދުވަހު ސ. ހިތަދޫގައި ވާ ކޭބަލް ލޭންޑިންގް ސްޓޭޝަނާ ކޭބަލް ވަނީ ގުޅާފައެވެ.

ނޭޝަންވައިޑް ސަބްމެރިން ކޭބަލް ޕްރޮޖެކްޓް ފަށާފައިވަނީ އުރީދުއަށް ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދިނުމުގެ ލައިސެންސް ލިބުމާއި އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށްވެސް އެއްފެންވަރެއްގައި ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ. ރާއްޖޭގެ ދެކުނުން އުތުރަށް މި ކޭބަލް ގާއިމް ކުރެވިގެންދާއިރު، ސ. ހިތަދޫ، ގދ. ތިނަދޫ، ކ.ހުޅުމާލެ، މ.ކޮޅުފުށި، ބ.އޭދަފުށި، އަދި ހދ. ކުޅުދުއްފުށީގައި ކޭބަލް ލޭންޑިންގް ސްޓޭޝަންތައް ވަނީ ގާއިމްކުރެވިފައެވެ.

އުރީދޫން ބުނި ގޮތުގައި ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަސް ތެރޭގައި ނިމޭނެ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ ވާވޭ ޓެކްނޮލޮޖީސް އިންނެވެ. އެ ކުންފުންޏަށް އެހީތެރިވެދިނުމަށްމެދު އިރުމަތީގައި ސަބްމެރިން ކޭބަލް ސޮލިއުޝަންސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އީމެރީންއިން ވަނީ ނިންމާފައެވެ.