19 Jun 2011, 09:15
ކާބުލް : އަފްޣާނިސްތާނުގެ ތާލިބާން ޖަމާޢަތާއެކު އެމެރިކާއިން ސުލްޙައިގެ ވާހަކަތައް ދައްކަމުން ގެންދާކަން އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ކަށަވަރުކޮށްދެއްވައިފިއެވެ.
ކާބުލްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ކަރުޒާއި ވިދާޅުވީ އެމެރިކާ ސަރުކާރުން ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތަކެއް މިހާރު ކުރިޔަށް ގެންދާ ކަމަށާ އެވާހަކަތަކުގެ ބޭނުމަކީ އަފްޣާން ހަނގުރާމަ ނިމުމަކަށް ގެނަސް އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމް ކުރުމަށް މަގުފަހި ކުރުމެވެ.
ނަމަވެސް ތާލިބާނުންނާއި އެމެރިކާގެ ސުލްޙައިގެ ވާހަކަތައް ކުރިޔަށްދާ ޤައުމެއް ނުވަތަ ތަނެއް ކަރުޒާއި ވިދާޅެއް ނުވެއެވެ. އެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސްވަނީ އެމެރިކާ ސަރުކާރުން ތާލިބާނުންނާއެކު ސުލްޙަިއގެ ވާހަކަތައް ދައްކަން ޖެހިދާނެ ކަމަށް އިޝާރާތް ކުރައްވައި މިމަހުގެ ކުރީކޮޅު އަފްޣާނިސްތާނުގައި ބަޔާނެއް ދެއްވާފައެވެ.
އެމެރިކާއިން ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ދައްކާނީ އެމެރިކާއަށް އެހެންގޮތެއްނެތި މަޖްބޫރު ވެގެންކަމަށާ މިއީ އަފްޣާން ހަނގުރާއިގާ ތާލިބާނުންގެ މައްޗަށް ކާމިޔާބު ނުލިބޭނެކަން އެމެރިކާއަށް ޔަގީންވެފައިވާ ކަމުގެ ހެއްކެތް ކަމަށް މުޙައްލިލުން ދެކެއެވެ.
ތާލިބާނުންނާ އެމެރިކާ ވާހަކަ ދައްކަމުން ގެންދާކަން އަފްޣާނިސްތާނުގެ ރައީސް ކަށަވަރު ކޮށްދެއްވުމާ ގުޅިގެން ދެއްވި ބަޔާނެއްގައި ވައިޓް ހައުސްގެ ތަރްޖަމާނާ ކެތްލިން ހައިޑްން ވަނީ އެކަން ދޮގުކުރުމަށްވެސް އަދި ކަށަވަރު ކޮށްދިނުމަށްވެސް ދެކޮޅު ހައްދަވާފައެވެ.
އަފްޣާނިސްތާނަށް ސުލްޙަ ގެނައުމަށް އެމެރިކާ އަބަދުވެސް މަސައްކަތް ކުރާކަމަށް ވިދާޅުވެ ތާލިބާނުންނާއެކު އެމެރިކާ ސުލްޙައިގެ ވާހަކަތައް ދައްކަމުން ގެންދާކަމަށް އެއްބަސްވެ ވަޑައިގަތުމަށް ހައިޑްން ދެކޮޅު ހެއްދެވިއެވެ. -- ރޮއިޓާސް