13 Dec 2016, 20:15
ނައިޕީޑޯ(ޑިސެމްބަރު 13): އާ ސެޓެލައިޓް އިމޭޖްތަކުން ދައްކާގޮތުގައި ރޮހިންޔާ މުސްލިމުންގެ އަވަށްތަކުގައި ރޯކުރީ އަސްކަރިއްޔާއިން ކަން ދޭހަވާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފި އެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނި ގޮތުގައި ރަހީން ސްޓޭޓުގައި މުސްލިމުން ދިރިއުޅޭ ވާ ޕީކްގެ ސެޓެލައިޓް އިމޭޖްތައް އެނަލައިޒް ކުރުމުން އެއަވަށުގެ ގެތައް އަނދަމުން ދިޔަ އިރު އެތާ ކައިރީ އަސްކަރިއްޔާގެ ޓްރަކްތައް ހަރަކާތްތެރި ވަމުން ދިޔަކަން އެނގެ އެވެ. އެހެންކަމުން އެވަގުތު އެސަރަހައްދުގައި ސިފައިން ތިބިކަން ދޭހަވެ އެވެ.
"އަސްކަރިއްޔާއިން މަންޒަރު ބަލަން ތިއްބާ ބަޔަކު ވަނީ އެއް މަސް ތެރޭ ވާ ޕީކްގެ 300ގެ އަންދާލާފަ ކަން ގަބޫލު ކުރަން އުނދަގޫވޭ. މިޔަންމާގެ ސަރުކާރުން ހަދަމުން އައީ ދޮގުކަން މިސެޓެލައިޓު އިމޭޖުތަކުން ވަނީ ފަޅާއަރާފަ،" ހިއުމަން ރައިޓްސް ވޮޗް އިން އޭޝިއާއަށް ހަމަޖައްސާފައި ހުންނަ ޑިރެކްޓަރު ބްރެޑް އެޑަމްސް ވިދާޅުވި އެވެ.
އެ ތުހުމަތުތަކާ ގުޅިގެން މިޔަންމާ ސަރުކާރުން ވަނީ މައްސަލަ ތަހުގީގު ކުރަމުން ދާތީ މައްސަލައާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ބުނެފައެވެ.
މިޔަންމާގެ ސަރުކާރުން އެކުލަވާލާފައިވާ ޓީމަކުން ދަނީ ރޯކޮށްފައިވާ އަވަށްތަކަށް ޒިޔާރަތް ކުރަމުންނެވެ. އަދި އެހާދިސާތައް ތަހުގީގު ކުރުމަށް ފަހު އަންނަ މަހުގެ ފަހުކޮޅު ރިޕޯޓެއް ނެރޭނެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެ އެވެ.
އެއީ ރޮހިންޔާ މުސްލިމުންގެ ހާލަތާ ބެހޭ ގޮތުންނާއި އެމީހުންގެ ގެތަކުގައި ރޯކުރަމުންދާ ކަމަށް ބުނެ ހިއުމަން ރައިޓްސް ވޮޗުން ނެރުނު ތިން ވަނަ ރިޕޯޓެވެ. މީގެ ކުރިން މިޔަންމާ ސަރުކާރުން ވަނީ އެއީ އަސްކަރިއްޔާއާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި، ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށްޓަކައި އެގެތަކުގައި ރޯކުރަނީ ރޮހިންޔާ މުސްލިމުން އަމިއްލައަށް ކަމަށް ބުނެފައެވެ.
މިދިޔަ އޮކްޓޯބަރު މަހު މިޔަންމާގެ ނުވަ ބޯޑަރު ފުލުހުން މަރާލުމާ ގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން ފެށި ހާއްސަ އޮޕަރޭޝަނަކަށް ރަހީން ސްޓޭޓުގައި ގިނަ އަދަދެއްގެ ރޮހިންޔާ މުސްލިމުން ދިރިއުޅޭ ސަރަހައްދުތައް ވަނީ ބަންދުކޮށް، ނޫސްވެރިންނާއި އެހީ ފޯރުކޮށްދޭ ފަރާތްތަކުން ވަނުން މަނާ ކޮށްފައެވެ.
އދން އެންމެ ފަހުން ނެރުނު ރިޕޯޓުގައިވާ ގޮތުން އަސްކަރިއްޔާގެ އަމަލުތަކާ ގުޅިގެން މިޔަންމާ ދޫކޮށް ބަންގުލަދޭޝަށް ގޮސްފައިވާ ރޮހިންޔާ މުސްލިމުންގެ އަދަދު މިހާރު 27،000ށް އަރައެވެ. (ބީބީސީ)