13 Dec 2016, 18:15
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އިބްރާހިމް ސަމީރު ހަމަޖައްސައިފި އެވެ.
އެ މަގާމަށް އިބްރާހިމް ސަމީރު ހަމަޖައްސާފައި ވަނީ އިއްޔެ އެވެ. އިބްރާހިމް ސަމީރަށް މަގާމުގެ ލިޔުން ހަވާލު ކޮށްދިނުމަށް އިއްޔެ އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން އެ ލިޔުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު އާއި ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.
އެ ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަގައި ޕާމަނަންޓް ސެކްރެޓަރީގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސިވިލް ސާވިސްގެ މުވައްޒަފުން ގުޅިގެން މަސައްކަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދީ އެކަން ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
އިބްރާހިމް ސަމީރަކީ މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (ފައިނޭންސް) ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިންޑިޔާގެ ބެންގަލޫރު ޔުނިވަރސިޓީން ބެޗްލާސް އޮފް ކޮމާސް (މާކެޓިންގ) ހާސިލްކުރައްވާފައިވެ ނެވެ.
އިބްރާހިމް ސަމީރު ވަނީ މީގެ ކުރިން ޑްރަގް ކޯޓާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގައި ވެސް ވަޒީފާ އަދާކުރައްވައިފައެވެ. އިބްރާހިމް ސަމީރު އެންމެފަހުން މަސައްކަތްކުރައްވާފައި ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.