13 Dec 2016, 16:06
ބޭ އޮފް ބެންގޯލްގައި އުފެދުނު ތޫފާން ވަރުދާ ޗެންނާއީއަށް އެރުމުގެ ސަބަބުން، ވަގުތީ ގޮތުން އޮޕަރޭޝަންތައް ހުއްޓާލާފައި އޮތް ޗެންނާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް އަލުން ފަށައިފި އެވެ.
އިންޑިއާގެ އިރުމަތީ އައްސޭރިފަށުގެ ދެ ޓަމިލް ނާޑޫ ސްޓޭޓާއި އަންދްރަ ޕްރަދޭޝްއަށް އަސަރު ކުރަމުންދާ ތޫފާން ވަރުދާ، ޓަމިލް ނާޑޫގެ ވެރިރަށް ޗެންނާއީ އަށް އިއްޔެ ވަނީ ލޭންޑްފޯލް ކޮށްފަ އެވެ. ލޭންޑްފޯލްގެ މާނައަކީ، ތޫފާނުގެ ބާރު އެންމެ ގަދަ ހިސާބު ކަމުގައިވާ، ތޫފާނުގެ މެދު، އެއްގަމުގެ ސަރަހައްދަކަށް އެރުމެވެ.
ގަޑިއަކު 120 ކިލޯ މީޓަރާއި 130 ކިލޯ މީޓަރުގެ ބާރުމިނުގައި ޖެހެމުން ދިޔަ ވަޔާއި ބޯ ވާރެޔާ އެކު ޗެންނާއީ އަށް އެރި ތޫފާނުގެ ސަބަބުން ގެތައް ހަލާކުވެ، ކަރަންޓާއި ފޯނު ލައިންތައް ކެނޑުނެވެ. އަދި ޗެންނާއީގެ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވެސް އިއްޔެ ހުއްޓާލި އެވެ.
އެހެން ނަމަވެސް މިއަދު ވަރުދާގެ ވަރު ދަނީ ދަށްވަމުންނެވެ. ތޫފާނުގެ ގަދަ ވައިތައް މަޑުވެ، ބޯ ވިއްސާރަ ވެސް ވަނީ ކޮންމެވެސް ވަރަކަށް ތުނިވެފަ އެވެ.
އެއާ އެކު، އިއްޔެ އޮޕަރޭޝަންތައް ހުއްޓާލި ޗެންނާއީ އިންޓަނެޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް މިއަދު ހެނދުނު ވަނީ އަލުން ފަށައިފަ އެވެ.
އިއްޔެ ޗެންނާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓު ޖެއްސުމާއި، އެއާޕޯޓުން ފުރުމުގެ ކަންކަން ހުއްޓާލުމާ ގުޅިގެން، ޗެންނާއީއަށް ދިއުމަށް އޮތް އެތައް ފްލައިޓެއް ވަނީ ކެންސަލްކޮށް، ފަސިންޖަރުންނަށް ރީފަންޑު ވެސް ދީފަ އެވެ. އޭގެ ތެރޭގައި ސްރީލަންކަން އެއާލައިންސް އާއި އިންޑިއާގެ ބައެއް ޑޮމެސްޓިކް އެއާލައިންތައް ހިމެނެ އެވެ. އޭގެ އިތުރުން ގިނަ ފްލައިޓުތަކެއް ވަނީ ޓްރިވެންޑްރަމް، ބެންގަލޫރު އަދި ހައިދަރުއާބާދަށް ޑައިވާޓު ކޮށްފަ އެވެ.
އިއްޔެ މާލެއިން ފުރައިގެން ޗެންނާއީއަށް ދާން އޮތް ވަނީ ޓްރިވެންޑްރަމަށް ޑައިވާޓްކޮށްފަ އެވެ. އަދި ޗެންނާއީއަށް ތާން ތިބި ފަސިންޖަރުން އެއްގަމު މަގުން ޗެންނާއީއަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ފަހު، މޯލްޑިވިއަންގެ ފްލައިޓު ވަނީ ބަންގްލަދޭޝްގެ ދާކާއަށް ގޮސްފަ އެވެ.
ތޫފާން ވަރުދާގެ ސަބަބުން ޓަމިލް ނާޑޫ، އަންދްރަ ޕްރަދޭޝް އަދި ޕޮންޑިޗެރީ ޔޫނިއަން ޓެރިޓަރީއަށް އަސަރު ކޮށްފައިވާ އިރު، އެ ތޫފާނުގެ ވިއްސާރަ މިހާރު ބެންގަލޫރަށް ކޮންމެވެސް ވަރަކަށް ކުރަމުންދެ އެވެ. އެހެން ނަމަވެސް ތޫފާން ވަރުދާގެ ވަރު އިތުރަށް ގަދަވާނެ ކަމަކަށް ނުބެލެވެ އެވެ.
މި ތޫފާނުގައި 10 މީހަކު ޓަމިލް ނާޑޫއިން މަރުވެފައިވާ އިރު، އެ ސްޓޭޓުގެ ޗީފް މިނިސްޓަރު އޮއްޓަކާރަ ޕަނީރުސެލްވަމް ވިދާޅުވީ، މަރުވި މީހުންގެ ކޮންމެ އާއިލާތަކަށް ހަތަރު ލައްކަ ރުޕީސްގެ އެހީ ދެއްވާނެ ކަމަށެވެ.