14 Dec 2016, 09:51
މީގެ ދެ ހަފްތާ ކުރިން، ބްރެޒިލްގެ ފުޓްބޯޅަ ޓީމު ޗަޕެކޮއެންސް ދަތުރުކުރަމުން ދިޔަ މަތިންދާބޯޓު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި ސަލާމަތްވެ ކޯމާއެއްގައި އޮތް އެ ޓީމުގެ ކުޅުންތެރިއެއް ހޭއެރި އިރު، އޭނާގެ ހަނދާން އެއްކޮށް ފޮހެވިފައިވާ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
އެތުލެޓިކޯ ނޭސިއޮނަލްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ކޮޕާ ސުޑަމެރިކާނާގެ ފައިނަލުގައި ވާދަކުރުމަށް ޗަޕެކޮއެންސް ކުޅުންތެރީން ކޮލަމްބިއާއަށް ދަތުރުކުރި ފްލައިޓުން ތެޔޮ ހުސްވެ، ވެއްޓުނު ހާދިސާގައި އެ ބޯޓުން ދަތުރުކުރި 77 މީހުންގެ ތެރެއިން 71 މީހުން މަރުވި އެވެ.
އޭގެ ތެރޭގައި ޗަޕެކޮއެންސް ޓީމުގެ ގިނަ ކުޅުންތެރިން ހިމެނުނުއިރު، އެ ޓީމުގެ ސެންޓްރަލް ޑިފެންޑަރެއްގެ މަގާމަށް ކުޅޭ ބްރެޒިލްގެ ޕްރޮފެޝަނަލް ކުޅުންތެރިޔާ ނެޓޯ އަކީ އެ ހާދިސާގައި ސަލާމަތްވި ހަ މީހުންގެ ތެރެއިން އެކަކެވެ.
ނެޓޯ ބެލި ޑޮކްޓަރުން ބުނިގޮތުގައި، ކޯމާއިން ހޭއެރިގޮތަށް އޭނާ އެންމެ ފުރަތަމަ ވެސް އެހީ ކޮޕާ ސުޑަމެރިކާނާގެ ފައިނަލުގެ ނަތީޖާއެވެ. ނަމަވެސް އޭނާގެ ހާލު އަދިވެސް ހަމައަކަށް ނޭޅޭތީ، ޑޮކްޓަރުންނާއި ސައިކޮލޮޖިސްޓުން ވަނީ އެ މައުލޫމާތު އޭނާ ރަނގަޅުވަންދެން ސިއްރު ކުރަން ނިންމައިފައެވެ.
"ސައިކޮލަޖިސްޓުން ރިކޮމެންޑް ކުރަނީ އެ ވާހަކަތައް ބުނުމުގެ ސަބަބުން އޭނާއަށް އިމޯޝަނަލް ޝޮކެއް ލިބިދާނެތީ އޭނާ ގާތު އެވާހަކަ ނުބުނަން. އަހަރެމެން މި މަޑުކުރަނީ ސްޕެޝަލިސްޓުންގެ ހިޔާލަކަށް،" ޑރ. ކާލޮސް މެންޑޯކާ ވިދާޅުވި އެވެ.
ފްލައިޓް ވެއްޓުނު ހާދިސާގައި ސަލާމަތްވި ޗަޕެކޮއެންސްގެ ދެ ކުޅުންތެރިއަކު ވަނީ އެނބުރި ބްރެޒިލް އަށް ގޮސްފައެވެ.