13 Dec 2016, 13:53
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހުޅުމާލޭން ގަނެފައިވާ ބިމަށް ފައިސާ ދައްކާފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ކަމަށް އޭސީސީގެ ތަހުގީގަށް ސާބިތުވާ ކަމަށާއި އެ ގޯތި ދައުލަތަށް ނަގައިދިނުމަށް އެދި ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.
ޒިޔަތުގެ ކޮއްކޮއެއްގެ ނަމުގައި ރެޖިސްޓްރީކޮށްފައި އޮތް އެ ބިމާއި އިމާރާތް ގަނެފައި ވަނީ ފަސް މިލިއަން ރުފިޔާ އަށެވެ. އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ އެއީ ޒިޔަތުގެ ތަނެއްކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.
އޭސީސީގެ ތަހުގީގު ނިންމައި މިއަދު އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި އއ.މަތިވެރި ފިނޮޅުގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީ އަށް ޖަމާކުރަން ޖެހޭ ހަތަރު ލައްކަ ޔޫއެސް ޑޮލަރު ޒިޔަތުގެ ދެބެންގެ ދެދަރި މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
އަދި އަލުން އެ ފައިސާ ނަގައި ޒިޔަތުއަށް ގޯއްޗާއި ޢިމާރާތް ވިއްކި ފަރާތުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް އެގޯތީގެ އަގު އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެހެންކަމުން، އއ.މަތިވެރި ފިނޮޅުގެ އެކުއިޒިޝަން ކޯސްޓަށްވާ ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ފައިސާ ޒިޔަތުގެ ކޮއްކޮއެއްގެ ނަމުގައި ގަނެފައިވާ ޢިމާރާތާއި ގޯތީގެ އަގު އަދާކުރުމަށް ބޭނުންކޮށްފައި ވަނީ ކަނޑައެޅިގެން އެފަރާތަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކަން ތަހުގީގަށް އެނގޭ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އެހުރިހާ ކަމަކަށް ބަލައި ޒިޔަތުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާއާއި ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އެކަން ކުރުމުގެ ކުށުގެ ދަޢުވާ އުފުލައިދިނުމަށް ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެ ގޯތި ޝަރީއަތް މެދުވެރިކޮށް ދައުލަތަށް އަނބުރާ ނަގައިދިނުން އެދި ދައުވާކުރުމަށް ވެސް ޕީޖީގައި އެދުނު ކަމަށް އޭސީސީން ބުންޏެވެ.
ޒިޔަތު މިހާރު ވެސް ދަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ދައުލަތުގެ އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއް ސާބިތުވުމާ ގުޅިގެންނެވެ.