19 Jun 2011, 08:40
ރަބާތް : އުތުރު އެފްރިކާގެ ޢަރަބި ޤައުމެއް ކަމަށްވާ މޮރޮކޯގެ ޤާނޫނު އަސާސީއަށް ޑިމޮކްރެޓިކް އިސްލާޙީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އެ އިސްލާޙްތައް އަންނަ ޖުލައިމަހުގެ އެއްވަނަ ދުވަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅުއްވާނެކަން އެޤައުމުގެ ރަސްގެފާނު މުޙައްމަދު ހަވަނަ އިޢްލާން ކުރައްވައިފި އެވެ.
މޮރޮކޯގެ ޤާނޫން އަސާސީ ނުވަތަ ދަސްތޫރަށް ގެންނަ މި އިސްލާޙްތައް ބިނާވެފައިވަނީ ރަސްގެފާނުގެ ވެރިކަމުގެ ބާރުތަކުގެ ތެރޭން ބޮޑެތި ބާރުތަކެއް ޕާލަމެންޓަށާއި ސަރުކާރަށާ ޝަރްޢީ ދާއިރާއަށް ދިނުމަށާއި ބަރުލަމާނީ ނިޒާމަށް ހިނގާ ދިމުޤްރާތީ ރަސްކަމަކަށް މޮރޮކޯގެ ނިޒާމު ބަދަލު ކުރުމުގެ މައްޗަށް ކަމަށް ރަސްގެފާނު ވިދާޅުވިއެވެ.
ރަސްގެފާނަށް ލިބިފައިވާ ޤާނޫނު ހެދުމުގެ ބާރާއި ޖުޑިޝަރީ ގެ ބާރު މި އިސްލާޙް ތަކުގެ ދަށުން ޕާލަމެންޓަށާއި ޝަރުޢީ ކޯޓްތަކަށް ދެވޭނެ އެވެ. އަދި ރަސްގެފާނުގެ އަތްޕުޅުގައިވާ ވެރިކަމުގެ ތަންފީޒީ ބާރުތަކުގެ ބޮޑު ބައެއް، ރައްޔިތުން އިންތިޚާބު ކުރާ ދިމުޤްރާތީ ސަރުކާރަކާ ޙަވާލުކުރެވޭނެ ކަމަށްވެސް މުޙައްމަދު ރަސްގެފާނު ވިދާޅުވި.
މިއާއެކުވެސް ޤައުމުގެ އެންމެ އިސްވެރިޔާގެ ގޮތުން ލިބޭ ބޮޑެތި ބާރުތަކެއް ރަސްގެފާނުގެ އަތްޕުޅުގައި އަދިވެސް ބޭއްވުމަށް މުހައްމަދު ހަވަނަ ހުށަހެޅުއްވި އިސްލާޙީ އެޖެންޑާގައިވެ އެވެ. ރަސްގެފާނުގެ އަތްފުޅުގައި އޮންނަ ބާރުތަކުގެ ތެރޭގައި ސިފައިންގެ އެންމެ އިސް ކޮމާންޑަރުކަމާއި ސަލާމަތީ ހުރިހާ ކަމެއްގައި ފަހުބަސް ބުނުމުގެ ބާރާއި ވެރިކަމުގެ ތަންފީޒީ ބާރުތަކުގެ ތެރޭންވެސް ބައެއްބާރުތައް ހިމެނެއެވެ. މީގެތެރޭގައި ޕާލަމެންޓްރީ ނިޒާމުގައި އޮންނަގޮތަށް ބައެއް ޙާލަތްތަކުގައި ޕާލަމެންޓް އުވާލައި އަލުން އިންތިޚާބަކަށް ގޮވާލުންފަދަ ބާރުތައް ހިމެނެއެވެ.
މިސްރާއި ތޫނިސް، ލީބިޔާއާއި ޔަމަން، އަދި ސޫރިޔާފަދަ ޢަރަބި ބައެއް ޤައުމުތަކުގެ ރައްޔިތުންނެކޭ އެއްގޮތަށް މޮރޮކޯގެ ރައްޔިތުންވެސް ދާދިފަހުންވަނީ އެޤައުމަށް ދިމުޤްރާތީ އިސްލާޙީ ބޮޑެތި ބަދަލުތަކެއް ޤައުމަށް ގެނައުމަށް ގޮވާލައި އެޤައުމުގެ ބޮޑެތި ރައްތަކުގައި މުޒާހަރާތަކެއް ކޮށްފައެވެ. މޮރޮކޯގެ އިދިކޮޅު ފަރާތްތަކުންވަނީ ރަސްގެފާނު ހުށަހެޅުއްވި އިސްލާޙްތައް މާކުޑަ ކަމަށާ އެވަރުން ނުފުއްދޭނެ ކަމަށްބުނެ ބާރުނެތް ހަމައެކަނި ރަމްޒީ ވެރިއަކަށް ރަސްގެފާނު ހުންނަވާގޮތަށް ދަސްތޫރު ބަދަލުކުރުމަށް ގޮވާލާފައެވެ. -- އަލްޖަޒީރާ