13 Dec 2016, 13:56
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ރާއްޖެއަށް ދީފައިވާ ލޯނު އެހީގެ ފައިސާ އިން ތިން ރަށެއްގެ ނަރުދަމާ އަޅައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އައިޑީބީގެ ލޯނު އެހީގައި ނަރުދަމާ ގާއިމްކުރަން އިއުލާންކޮށްއި ވަނީ ކ.ހިންމަފުއްޓާއި ކ.ތުލުސްދޫ އަދި ޅ. ނޮޅިވަރަންފަރުގަ އެވެ.
މަސައްކަތުގެ ދަށުން އެ ތިން ރަށުގައި ވެސް ނަރުދަމާ ވިޔުގަ ގާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމުުގެ އިތުރުން އެކަންކަން ކުރާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގެއް ގާއިމްކުރަންޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ތިން މަޝްރޫއަކީ ވެސް އައިޑީބީގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމުން ބީލަން ކާމިޔާބުކުރާ ފަރާތްތައް ހޮވުމުގައި އަމަލުކުރެވޭނީ އެ ބޭންކުގެ މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލެވިފައިވާ ގައިޑްލައިންގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެގޮތުން އެ ތިން ރަށުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރެވޭނެކަމުގެ ގާބިލިއްޔަތު ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކުން ފިނޭންސް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. ބީލަމުގެ މުއްދަތެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ދީފައިވަނީ ހަތަރު މަސް ދުވަހެވެ.
އެގޮތުން ބީލަން ހުޅުވުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 14 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގަ އެވެ.
އެ މަޝްރޫއުތަކުގެ ބީލަމުގައި ބައިވެރިވުމަށް 1,500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭ އިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 300 އެމެރިކާ ޑޮލަރު ހުށަހަޅަންޖެހެ އެވެ.
ރަޖިސްޓްރޭޝަން ފީގެ ފައިސާ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.30 އިން 13:30 އަށް ބަލައިގަންނައިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.