މީޑިއާ ކައުންސިލުގެ އިންތިހާބުގައި ވޯޓު އެއްވަރުވެ، ދެވަނަ ބުރަކަށް ދާން ޖެހިފައިވަނިކޮށް ހިތާދޫ އޮންލައިނުން ވާދަކުރި އަހުމަދު އާޒިފުގެ ނަން އަނބުރާ ގެންދިއުމުން މިހާރު އޮންލައިނުން ވާދަކުރި މުހައްމަދު ހަމްދޫނަށް މީޑިއާ ކައުންސިލުގެ ގޮނޑި ކަށަވަރު ވެއްޖެ އެވެ.

އިއްޔެ ބޭއްވި މީޑިއާ ކައުންސިލް އިންތިހާބުގައި އާޒިފް އަދި ހަމްދޫނަށް ވެސް ލިބިފައި ވަނީ 40 ވޯޓެވެ. އެހެންކަމުން ހަތް ވަނަ މެމްބަރަކު ޔަގީން ކުރުމަށް ދެވަނަ ބުރަކަށް ދާން ޖެހިފައިވަނިކޮށް، ސަން އޮންލައިންގައި މަސައްކަތް ކުރާ، އެ ނޫހުގެ އެސިސްޓެންޓް ނިއުސް އެޑިޓަރު، އަހުމަދު އާޒިފް ވަނީ އޭނާގެ ނަން އަނބުރާ ގެންދިޔަކަން އިއުލާނުކޮށްފަ އެވެ.

އާޒިފް ކުރި ޓުވީޓެގައި ބުނެފައި ވަނީ މީޑިއާ ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގައި ހަމްދޫނާ ވާދަނުކުރަން ނިންމައި ނަން އަނބުރާ ނަގަން ނިންމާފައިވާ ކަމަށެވެ.

އަދި މީޑިއާ ކައުންސިލް އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް އާޒިފް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އާޒިފުގެ ނިންމުމާ ގުޅިގެން މީޑިއާތަކުން އިންތިހާބުކުރާ މެމްބަރުން މިވަނީ ކަށަވަރުވެފަ އެވެ.

މީޑިއާތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ ކައުންސިލަށް އިންތިހާބު ވި ބޭފުޅުން:

  • އަހްމަދު ރިފާއު - ވީ މީޑިއާ (69 ވޯޓު)
  • އަހްމަދު މުޖުތަބާ - ސަން މީޑިއާ (57 ވޯޓު)
  • ފަޔާޒް ޔޫސުފް - ޕީއެސްއެމް (55 ވޯޓު)
  • އަބްދުލް މުއީދު ހަސަން - ބަހުރު މަޖައްލާ (44 ވޯޓު)
  • މިސްބާހް އައްބާސް - ވީއެފްޕީ (41 ވޯޓު)
  • ޙަސަން ޝާކިރު މުހައްމަދު - އަސްދަނޑި މަޖައްލާ (41 ވޯޓު)
  • މުހައްމަދު ހަމްދޫން - މިހާރު އޮންލައިން (40 ވޯޓު)

މީޑިއާ ކައުންސިލު އިންތިހާބު ކާމިޔާބު ކުރި އަމިއްލަ ކެނޑިޑޭޓުން:

  • އަހްމަދު އަބީރު އިސްމާއިލް (81 ވޯޓު)
  • ޝައުފާ ހުސައިން (74 ވޯޓު)
  • މުޙައްމަދު އާޒިމް އަބްދުލްހާދީ (73 ވޯޓު)
  • އަންވަރު އިބްރާހީމް (62 ވޯޓު)
  • އަސްއަދު ޝަރީފް (45 ވޯޓު)
  • މަރިޔަމް ހަލީލް (39 ވޯޓު)

އެމްއެމްސީގެ އިންތިހާބަށް މީޑިއާތަކުން 17 ބޭފުޅެއް ކުރިމަތިލި އިރު، އަމިއްލަ ގޮތުން 12 ބޭފުޅަކު ވަނީ ކުރިމަތިލައިފަ އެވެ.