ޗެންނާއީ (ޑިސެމްބަރު 13): އިންޑިއާގެ ޓެމިލް ނާޑޫއަށް ތޫފާން ވަރުދާ އެ ރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 10 އަކަށް އަރައިފި ކަމަށް އެ ގައުމުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ގަޑިއަކު 120 ކިލޯ މީޓަރާއި 130 ކިލޯމީޓަރުގެ ބާރުމިނުގައި ޖެހެމުން ދިޔަ ވަޔާއި ބޯ ވާރެޔާ އެކު ޗެންނާއީ އަށް އެރި ތޫފާނުގެ ސަބަބުން ގެތައް ހަލާކުވެ، ކަރަންޓާއި ފޯނު ލައިންތައް ކެނޑިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.

މިއަދު ވެސް ޓެމިލް ނާޑޫ އަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އިންޑިއާގެ މެޓް އޮފީހުން ލަފާކޮށްފައި އޮތުމުން ޗެންނާއީ ހިމެނޭ ގޮތަށް ޓެމިލް ނާޑޫގެ ގިނަ ސަރަހައްދުތަކުގެ އޮފީސްތަކާއި ތައުލީމީ އިދާރާތަށް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ބާރަށް ވައިޖެހެމުން ދިޔުމުގެ ސަބަބުން އިއްޔެ ބަންދު ކުރި ޗެންނާއީ އެއާޕޯޓު މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އޯ ޕަނީރުސެލްވަމް ވަނީ ތޫފާނުގައި މަރުވި މީހުންގެ އާއިލާތަކަށް ހަތަރު ލައްކަ ރުޕީސްގެ އެހީ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓެމިލް ނާޑޫގެ އައްސޭރިފަށް ކައިރީ ދިރިއުޅެމުން ދިޔަ 10،000 އަށް ވުރެ ގިނަ މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތޫފާން ވަރުދާ މިއަދު ކަރުނާޓަކާއަށް އެރުމަށް ފަހު މާދަމާ ގޯއާއަށް އަރާނެ ކަމަށް ގޯއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ވަނީ ލަފާކޮށްފަ އެވެ. (އެންޑީޓީވީ)