13 Dec 2016, 10:44
ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން އަބްފުލްގައްޔޫމް ގއ. އަތޮޅުގެ ދެރަކަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، މިއަދު ހެނދުނު ފެއްޓެވި އެ ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ގއ. ވިލިނގިއްޔަށް ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު އެ އަތޮޅު ގެމަނަފުއްޓަށް ވަޑައިގަންނަވާނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާ ގެމަނަފުއްޓަށް ރައީސް ވަޑައިގަތުމަށް ފަހު އެ ރަށުގައި އިމާރާތްކޮށްފައިވާ މިސްކިތް ހުޅުއްވައިދެއްވާނެ އެވެ. އަދި އައިސް ޕްލާންޓް ވެސް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ އެ ރަށުގައި ބާއްވާ ރަސްމީ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބައިވެރިވެވަޑައިގެންނަވަ އެވެ.