ޖަކާޓާ (ޑިސެމްބަރު 13): އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ގަވަރުނަރު ގުރުއާނަށް ބޭއިހުތިރާމް ކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ފަށައިފި އެވެ.

ޖަކާޓާގެ ގަވަރުނަރު ބާސުކީ ޕޫރްނަމާއާ އަކީ އެސިޓީގެ ގަވަރުނަރުކަން ކުރާ ފުރަތަމަ ނަސާރާ އެވެ. އެސިޓީގެ ގިނަ މުސްލިމުން ވަނީ ޣައިރު މުސްލިމެއްގެ ވެރިކަމުގައި މުސްލިމުން އުޅުމަކީ ހަރާމް ކަމެއް ކަން އަލް މާއިދާ ސޫރަތުގެ 51 ވަނަ އާޔަތުން ދޭހަވާ ކަމަށް ބުނެފަ އެވެ.

އެ އާޔަތުގެ މާނާގައި ވަނީ، ޔަހޫދީންނާއި ނަސާރާއިންނަކީ އެކުވެރިންކަމުގައި މުސްލިމުން ނުނެގުމަށް ގޮވާލައްވައިފަ އެވެ. އަދި ޔަހޫދީންނާއި ނަސާރާއިންނަކީ އެކުވެރީންކަމުގައި ދެކެފި މީހަކީ އެބައެއްގެ ތެރެއިންވާ މީހެއް ކަމަށް ވެސް އެ އާޔަތުގައި ވަހީކުރައްވާފައިވެ އެވެ.

އަދި ޕޫރްނަމާ ވިދާޅުވަމުން ދިޔައީ، ކީރިތި ޤުރުއާން ބޭނުންކޮށްގެން ބަޔަކު ރައްޔިތުންނަށް އޮޅުވާލަނީ ކަމަށެވެ. އޭނާ މިހެން ވިދާޅުވުމުން ޖަކާޓާގެ ރައްޔިތުން އެކަން ބަލައިގަތީ، ގަވަރުނަރު ކީރިތި ޤުރުއާނާ މެދު ބޭއަދަބީ ވާހަކަ ދެއްކުމުގެ ގޮތުގަ އެވެ. އަދި އޭނާއާ ދެކޮޅަށް ޖަކާޓާގައި ބޭއްވި މުޒާހަރާއެއްގައި 18،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެ، އޭނާ ހައްޔަރުކޮށް ދައުވާ ކުރުމަށް ގިނަ ބަޔަކު ގޮވާލި އެވެ.

އެ މައްސަލައާ ގުޅިގެން ޕޫރްނަމާ ވަނީ މީގެ ކުރިން މާފަށް އެދިވަޑައިގެންފަ އެވެ. އަދި އޭނާ އެފަދައިން ވިދާޅުވެފައި ވަނީ ބައެއް ސިޔާސީ ފަރާތްތަކުން އެއާޔަތުގެ ބޭނުން ނުބައި ގޮތަކަށް ހިފަމުން ދިޔުމުގެ ސަބަބުން ކަމަށް މިއަދު ކޯޓަށް ވަޑައިގަންނަވަމުން ޕޫރްނަމާ ވިދާޅުވި އެވެ.

ގުރުއާނަށް ބޭއިހުތިރާމް ކުރިކަން ސާބިތުވެއްޖެ ނަމަ ޕޫރްނަމާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. (ބީބީސީ)