13 Dec 2016, 09:08
ހަކުރު ގިނަ ބުއިންތަކުގެ ސަބަބުން އުފެދި ބޮޑުވަމުން އަންނަ ކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމަށާއި އެ ފަދަ އުފެއްްދުންތައް އިޝްތިހާރު ނުކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިލްތިމާސް ކުރައްވައިފި އެވެ.
ޑައިބެޓްސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ބާއްވާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރޭ މިނިސްޓަރު ވިދާޅުވީ ހަކުުރު ގިނަ ބުއިންތައް ތަފާތު ނަންނަމުގައި ކުދިންނަށް އިޝްތިހާރު ކުރަމުންދާ ކަމަށާއި އެކަމަކީ ނުހަނު ކަން ބޮޑުވާ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލު ކުދިން ބައިވެރިވާ ހަރަކާތްތަކުގައި ހަކުރު ގިނައިން އެކުލެވޭ ބުއިންތައް އިޝްތިހާރުކޮށް އެކުދިން އެއަށް ހިތްޖެއްސުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ އަމަލުތައް ހުއްޓާލުމަށް އެ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.
"ކުދިންގެ ސިއްހަތަށް އެކަމުގެ އެއްވެސް ފައިދާއެއް ނުވާ، އޭގައި އިންތިހާއަށް ހަކުރު ގިނަ އަދި ކުދިން އެޑިކްޓް ވާފަދަ މާއްދާތައް އެކުލެވިގެންވާ ބުއިންތަކާއި މިފަދަ ކަންކަން ސްކޫލްކުދިން އެއްވެ އުޅޭ ތަންތަނުގައި އިޝްތިހާރު ކުރުމާއި އެކުދިން އެއަށް ޝައުގުވެރިވާނެ ގޮތަށް އެކުދިން އެއަށް ހުށަހެޅޭ ގޮތަށް އެތަކެތި ބޭނުން ކުރުން ހުއްޓާލުމަށް ހުރިހާ ބޭފުޅުން ވެސް ސަމާލުކަން ދެއްވުމަކީ އަޅުގަނޑު މިރޭ ކުރާ އިލްތިމާސްއެއް،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަންކަމާ ގުޅިގެން ހެލްތު މިނިސްޓްރީން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި، އެގޮތުން މަޝްވަރާ ކުރަން ޖެހޭ ހުރިހާ ފަރާތްތަކަކާ އެކު މަޝްވަރާ ކުރަމުން ގެންދާނެ ކަމަށެވެ. އަދި އުއްމީދަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން އެކަމަށް ހައްލެއް ލިބިގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިޔަފާރީގައި އުޅުއްވާ ބޭފުޅުން ވެސް ޒުވާން ޖީލުގެ ހައްގުގައި އެކަމަށް ސަމާލުކަން ދިނުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ ގާނޫނާއި ގަވާދުތަކުގެ ތެރެއިން ވެސް ހައްލެއް ލިބިގެން ދާނެ ކަމަށް. އަދި ވިޔަފާރީގައި އުޅުއްވާ ބޭފުޅުން ވެސް އަޅުގަނޑުމެން މިދެންނެވި ކަންތައްތަކަށް އަޅުގަނޑުމެންގެ ޒުވާން ޖީލުގެ ހައްގުގައި ސަމާލުކަން ދެއްވާނެ ކަމަށް، އުއްމީދުވެސް ކުރަން،" ނާޒިމް ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ ސްކޫލު ކުދިންގެ ހެލްތު ސްކްރީންތަކުގެ ނަތީޖާ ދައްކާ ގޮތުން، ގްރޭޑް އެކެއްގައި ކިޔަވާ ހަ އަހަރާއި ހަތް އަހަރުގެ އުމުރުފުރާގެ ކުދިންގެ 22 ޕަސަންު ކުދިންނަކީީ އެކުދިން ބަރުދަން ހުންނަށް ޖެހޭ ވަރަށްވުރެ ބަރުދަން އިތުރު ކުދިން ކަމަށެވެ. އަދި ގްރޭޑް ހަތެއްގެ ދަރިވަރުންގެ ތެރެއިން 14 ޕަސަންޓު ކުދިންގެ ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ އިތުރުކަމަށް ނަތީޖާއިން ދައްކާކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އެންޓި ބަޔޮޓިކްސް ދުނިޔޭގެ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބެއް ގެނެސްފައިވާ ކަމަށާއި އޭގެ ސަބަބުން ގައިން ގަޔަށް އަރާ ބަލިތަކަށް ވަރަށް ގިނަ ފަރުވާތަކެއް ހޯދިފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ކާމިޔާބާ އެކުގައި، މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ު"އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮން ޖެހުމަކީ، ގައިންގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވެ، އެ ބަލިތަކާ މުޅި ސިއްހީ ނިޒާމުން ދުނިޔޭގެ ހަމަ ވަކި މުއްސަނދި ގައުމެއް، މެދުފަންތީގެ ގައުމެއް، ފަގީރު ގައުމެއް ތަފާތު ކުރުމެއް ނެތި، ނޮން ކޮމިއުނިކެބަލް ޑީޒީސް އާ މިއަދު ހަނގުރާމަ ކުރަން ޖެހިފައިވާކަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ސީރިއަސްކޮށް ފާހަގަ ކޮށްފައިވާ ގައިން ގަޔަށް ނާރާ ހަތަރު ބަލީގެ ތެރޭގައި ހަކުރުބަލި ލިސްޓު ކޮށްފައިވާ ކަމަށެވެ. އަދި އެބަލި ހުރިކަން ނޭނގި އެތައް ބަޔަކު ދުނިޔޭގައި އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެބަލި ހުރިކަން ނޭނގި ބައްޔަށް ބޭސް ނުކުރެވި ގިނަ ދުވަސް ވެގެން ދިއުމަކީ ބަލީގެ ނުރައްކާ އިތުރުވެގެން ދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ހަކުރު ބައްޔަށް ޓެސްޓް ކުރެއްވުމަށް ދިވެހިންގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
"ޑައިބް މޯލްޑިވްސް ޔޫތު ކޭމްޕް"ގެ ނަމުގައި ހަކުރުބަލީގެ ޓައިޕް 1ގެ ޒުވާނުންނަށް ބާއްވާ ކޭމްޕު މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން ވެސް ވަނީ އެފަދަ ކޭމްޕެއް ދެ ފަހަރެއްގެ މަތިން ބާއްވާފަ އެވެ.