ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރަން ޖެހުނު އިރު، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން(ޕީއެސްޖީ) އިން ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

އާސެނަލާއި ބަޔާން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވެސް ބައްދަލުކޮށްފައެވެ. އެ ފަހަރު އަމިއްލަ ދަނޑުގައި 2-0 ލަނޑުން އާސެނަލް މޮޅުވި އިރު، ރަށުން ބޭރުގައި ބަޔާން އަތުން ބަލިވެފައި ވަނީ 5-1 ލަނޑުންނެވެ.

އޭގެ އިތުރުން ވެސް 2012-12 އަދި 2013-14ގެ ސީޒަނުގެ ގަދަ 16ގެ ބުރުގައި ވެސް އާސެނަލާއި ބަޔާންގެ ކުރިމަތިލުން ފެނިގެންދިޔައެވެ. އެ ދެ ފަހަރު ވެސް އާސެނަލްގެ މައްޗަށް ކުރި ހޯދާފައި ވަނީ ބަޔާނުންނެވެ.

ބާސާ އިން ގަދަ 16ގައި ޕީއެސްޖީއާ ދެކޮޅަށް ނުކުންނަން ޖެހިފައިވާ އިރު، މިދިޔަ ސީޒަނުގެ ގްރޫޕް ސްޓޭޖުގައި އެ ދެ ޓީމު ބައްދަލުކޮށްފައިވެ އެވެ. އޭގެ އިތުރުން 2014-15 އަދި 2012-13ގެ ސީޒަނުގެ ކުއާޓާ ފައިނަލުގައި ވެސް ބާސާ އާއި ޕީއެސްޖީގެ ކުރިމަތިލުން ފެނިގެންދިޔަ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގު މެޗުތައް ފެބްރުއަރީ މަހުގެ 14 އަދި 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ ލެގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 21 އަދި 22 ވަނަ ދުވަހު އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16:

  • މެންޗެސްޓާ ސިޓީ (އިންގްލެންޑް) - މޮނާކޯ (ފްރާންސް)

  • ރެއާލް މެޑްރިޑް (ސްޕެއިން) - ނަޕޯލީ (އިޓަލީ)
  • ބެންފީކާ (ޕޯޗުގަލް) - ބޮރޫޝިއާ ޑޯޓްމަންޑް (ޖަރުމަން)
  • ބަޔާން މިއުނިކް (ޖަރުމަން) - އާސެނަލް (އިންގްލެންޑް)
  • ޕޯޓޯ (ޕޯޗުގަލް) - ޔުވެންޓަސް (އިޓަލީ)
  • ބަޔާން ލެވަކޫސަން (ޖަރުމަން) - އެތުލެޓިކޯ މެޑްރިޑް (ސްޕެއިން)
  • ޕެރިސް ސެއިންޓް ޖާމެއިން (ފްރާންސް) - ބާސެލޯނާ (ސްޕެއިން)
  • ސެވިއްޔާ (ސްޕެއިން) - ލެސްޓާ ސިޓީ (އިންގްލެންޑް)