18 Jun 2011, 21:04
ޒެމްބިޔާގެ ކުރީގެ ރައީސް ފްރެޑްރިކް ޗިލޫބާ އަވަހާރުވުމާ ގުޅިގެން، ޒެމްބިޔާގެ ރައީސް ރުޕިޔަ ބަންޑާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
ޒެމްބިޔާގެ ކުރީގެ ރައީސް ޗިލޫބާ އަވަހާރަވީ، ހިތުގެ އާލާސްކަންފުޅެއްގައި މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 68 އަހަރެވެ. ޗިލޫބާއަކީ، ޒެމްބިޔާގައި ޑިމޮކްރެޑިކް ހަމަތަކުގެ މަތިން އިންތިޚާބު ކުރެވުނު ފުރަތަމަ ރައީސެވެ
ޒެމްބިޔާގެ ރައީސް ރުޕިޔަ ބަންޑާއަށް ރައީސް ނަޝީދު ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، އެ ޤައުމުގެ ކުރީގެ ރައީސް އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ރައީސް ޗިލޫބާއަކީ، ޒެމްބިޔާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، އަދި ޒެމްބިޔާއަށް ޑިމޮކްރަސީ ގެންނަވައި ޑިމޮކްރަސީގެ އުޞޫލުތައް އެ ޤައުމުގައި އަށަގެންނެވި ބޭފުޅެއްކަމަށް ރައީސް ވިދާޅުވިއެވެ.
ޒެމްބިޔާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޒެމްބިޔާގެ ރައީސް ރުޕިއަ ބަންޑާއަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައި ވެއެވެ.