12 Dec 2016, 23:00
ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް އެފްސީ މާފަރުން ކަށަވަރުކޮށްފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގެ ސެމީގެ ޖާގައެއް މާފަރުން ހޯދީ މިއަދު ހަވީރު ކުޅުނު 'ގްރޫޕް އޭ'ގައި ލަންދޫ އެފްޓީއާ ދެކޮޅަށް ކުޅުނު މެޗުން 5-2 ލަނޑުން މޮޅުވެ، ހޯދި ތިން ޕޮއިންޓާ އެކު އެވެ.
އެ މެޗުގެ ނުވަ ވަނަ މިނެޓުގައި މާފަރަށް އަހްމަދު ނަބީލް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 22 ވަނަ މިނެޓުގައި އިނާޒް މުހައްމަދު ވަނީ ލަންދުއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގެ 36 ވަނަ މިނެޓުގައި މާފަރަށް ހުސައިން ޖަވާދު އަލުން ލީޑު ހޯދައިދިން އިރު، މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ލަންދުއަށް އަލުން ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޖަވާދު އެވެ.
އެ މެޗުގެ ދެ ވަނަ ހާފުގައި މާފަރުން ތިން ލަނޑު ކާމިޔާބުކޮށްފައިވެ އެވެ. މެޗުގެ 54 ވަނަ މިނެޓުގައި މާފަރަށް މުހައްމަދު ހަސަން އަލުން ލީޑު ހޯދައިދިން އިރު، މެޗުގެ 57 ވަނަ މިނެޓުގައި މާފަރުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އައްޒާމް އަބްދުﷲ އެވެ. އަދި 79 ވަނަ މިނެޓުގައި މާފަރުގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖުމާލް އީސާ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާފަރުގެ އައްޒާމް އަބްދުﷲ އެވެ.
މާފަރާއި ކުޑަފަރީ އަދި ލަންދޫ 'ގްރޫޕް އޭ'ގައި ކުޅެން ޖެހޭ ހުރިހާ މެޗެއް މިހާރު ނިމިފައިވާ އިރު، އެ ގްރޫޕްގެ އެއް ވަނަ ހޯދާފައި ވަނީ މާފަރެވެ. އެ ޓީމަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ކުޑަފަރީ އެފްސީ އަށް ކުޅުނު ހަތަރު މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މަގޫދޫ އެފްޓީ އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ލަންދުއާއި ވެލިދުއަށް ވެސް ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އަންނަ ހޮނިހިރު ދުވަހު ކުޅޭ އެ ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ މަގޫދުއާއި ވެލިދޫ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެ ދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް ބީ'ގެ މެޗުގައި ބައްދަލުކުރާނީ ހޮޅުދޫ އެފްސީ އާއި މިލަދޫ އެވެ.
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާ އެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.