މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އާދައުރަކަށް މެންބަރުން އިންތިހާބު ކޮށްފި އެވެ.

ހޯމް މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި މީޑިއާ ކައުންސިލް އިންތިހާބުގައި 86 މީޑިއާ އަކުން ވޯޓު ލާފައިވާ އިރު، އެ ކައުންސިލަށް މިއަދު 13 މެމްބަރަކު އިންތިބާކު ކުުރުމަށް ވަނީ ވޯޓު ނަގައިފަ އެވެ. އެގޮތުން މީީޑިއާތަކުން ހަތް މެމްބަރަކާއި، އާއްމުންގެ ތެރެއިން ހަ މެމްބަރަކު އިންތިހާބު ކުރުމަށް މިއަދު ވަނީ ވޯޓު ނަގައިފަ އެވެ.

12 ޑިސެމްބަރ 2016: ދައުރު ހަމަވެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ އާ ދައުރަކަށް މެމްބަރުން އިންތިހާބުކުރުން: މިއަދު ބޭއްވި އިންތިހާބުގައި ޖުމްލަ 86 މީޑިއާއަކުންވަނީ ވޯޓް ލާފައި---ސަން ފޮޓޯ// މުހައްމަދު އަފްރާހް

މިއަދު ނެގި ވޯޓުން މީީޑިއާ ކައުންސިލަށް މީޑިއާއިން ހައެއް އަދި އަމިއްލަ ހަ މެމްބަރަކު އިންތިހާބު ކޮށްފައިވެ އެވެ. މީޑިއާ ފަޅިން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ހިތާދޫ އޮންލައިނުން ވާދަކުރި އަހްމަދު އާޒިފް އާއި، މިހާރު ނޫހުން ވާދަކުރި މުހައްމަދު ހަމްދޫނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވެ (40 ވޯޓު) ދެވަނަ ބުރަކަށްވަނީ ދާން ޖެހިފަ އެވެ. އެ ބުރުގައި ވޯޓު ލުމަށް ހަމަޖެހިފައިވާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މީޑިއާތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ ކައުންސިލަށް އިންތިހާބު ވި ބޭފުޅުން:

  • އަހްމަދު ރިފާއު - ވީ މީޑިއާ (69 ވޯޓު)
  • އަހްމަދު މުޖުތަބާ - ސަން މީޑިއާ (57 ވޯޓު)
  • ފަޔާޒް ޔޫސުފް - ޕީއެސްއެމް (55 ވޯޓު)
  • އަބްދުލް މުއީދު ހަސަން - ބަހުރު މަޖައްލާ (44 ވޯޓު)
  • މިސްބާހް އައްބާސް - ވީއެފްޕީ (41 ވޯޓު)
  • ޙަސަން ޝާކިރު މުހައްމަދު - އަސްދަނޑި މަޖައްލާ (41 ވޯޓު)

މީޑިއާ ކައުންސިލު އިންތިހާބު ކާމިޔާބު ކުރި އަމިއްލަ ކެނޑިޑޭޓުން:

  • އަހްމަދު އަބީރު އިސްމާއިލް (81 ވޯޓު)
  • ޝައުފާ ހުސައިން (74 ވޯޓު)
  • މުޙައްމަދު އާޒިމް އަބްދުލްހާދީ (73 ވޯޓު)
  • އަންވަރު އިބްރާހީމް (62 ވޯޓު)
  • އަސްއަދު ޝަރީފް (45 ވޯޓު)
  • މަރިޔަމް ހަލީލް (39 ވޯޓު)

އެމްއެމްސީގެ އިންތިހާބަށް މީޑިއާތަކުން 17 ބޭފުޅެއް ކުރިމަތިލީއިރު، އަމިއްލަ ގޮތުން 12 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ.

މިއަދު ހޯމްމިނިސްޓްރީގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދިޔަވަގުތު، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް އެތަނަށް ވަޑައިގެން، އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔަގޮތް ބައްލަވައިލެއްވިއެވެ.

12 ޑިސެމްބަރ 2016: ދައުރު ހަމަވެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ އާ ދައުރަކަށް މެމްބަރުން އިންތިހާބުކުރުން: މިއަދު ބޭއްވި އިންތިހާބުގައި ޖުމްލަ 86 މީޑިއާއަކުންވަނީ ވޯޓް ލާފަ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

މިއަދު އެމްއެމްސީއަށް އިންތިހާބުވީ މެމްބަރުން ދެ އަހަރު ދުވަހުގެ ދައުރެއް އަދާ ކުރާނެ އެވެ. އެމްއެމްސީގެ ގާނޫނުގައި ވާގޮތުން އެއްވެސް މީހަކަށް ކައުންސިލް މެމްބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެ އެވެ.