12 Dec 2016, 23:03
ބެއިޖިންގް(ޑިސެމްބަރު 12): އެމެރިކާ ގަބޫލުކުރަމުން ގެންދިޔަ އެއްޗައިނާގެ ސިޔާސަތު ދޫކޮށްލަންޖެހިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސުލްމުންތަޚަބް، ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާނާ ގުޅިގެން ވަރަށް ރުޅިވެރިކަމާއެކު ޗައިނާއިން އެމެރިކާއަށް އިންޒާރު ދީފިއެވެ.
ޗައިނާ ސަރުކާރުގެ ރަސްމީ ނޫސްތަކުގެ މިއަދުގެ ފަލަ ސުރުޚީ ތަކުގައިވަނީ އެމެރިކާއިން އެއްޗައިނާގެ ސިޔާސަތު ދޫކޮށްލައިފިނަމަ އެމެރިކާގެ ދުޝްމަނުންނަށް ފާޅުގައި ޗައިނާއިން އެހީވާންޖެހިދާނެ އިންޒާރު ދީފައެވެ. މީގެތެރެއިން އެއްނޫހުގައި ލިޔެފައިވާ މަޒްމޫނެއްގައި ވަނީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ މިގޮތަށް އަމަލުކޮށްފިނަމަ އެމެރިކާގެ ދުޝްމަނުންނަށް (ގައުމުތަކާއި ޖަމާއަތްތަކަށް) ޗައިނާއިން ފާޅުގައި ސިޔާސީ ގޮތުން އެހީތެރިވެ ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދޭން ޗައިނާ ފަސްނުޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ. މިއީ މިހާތަނަށް ޗައިނާއިން އެމެރިކާއަށް ދީފައިނުވާ ފަދަ ހަރުކަށި އިންޒާރެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.
ޗައިނާގެ ޚާރިޖީ ކަންތައްތައް ދިރާސާކުރާ އިންސްޓިޓިއުޓްގެ ޕްރޮފެސަރެއް ކަމަށްވާ ލީ ހާއި ޑޮންގް ވަނީ އެމެރިކާގެ ރައީސުލްމުންތަޚަބް، ޑޮނަލްޑް ޓްރަމްޕް އަކީ ދުނިޔޭގެ ސިޔާސީ މައިދާނުގައި ބޮޑުވެގެންވާ ޖާހިލެއް ކަމަށް ސިފަކުރައްވާފައެވެ.
ޗައިނާގެ ރަސްމީ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޕްރޮފެސަރ ލީ ހާއި ޑޮންގް ވިދާޅުވީ ޓްރަމްޕަށް އެއްޗައިނާގެ ސިޔާސަތު އެއްގޮތަކަށް އެނގިވަޑައިނުގަންނަވާ ކަމަށާ އެމެރިކާއާއި ޗައިނާގެ ގުޅުންތަކާއި ޓައިވާނުގެ މައްސަލާގައި ޗައިނާގެ ޙައްސާސްކަން ހުރި މިންވަރު ޓްރަމްޕަށް އެއްގޮތަކަށްވެސް ވަޒަން ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.
"ޓްރަމްޕަކީ ދުނިޔޭގެ ސިޔާސީ މައިދާން އެނގިވަޑައިގަންނަވާ ބޭފުޅެއްނޫން، އަދި ޓްރަމްޕްގެ ވާހަކަތަކުން ހާމަވަނީ އެމެރިކާއާއި ޗައިނާގެ ގުޅުންތަކާއި ޓައިވާނުގެ މައްސަލާގައި ޗައިނާގެ ޙައްސާސްކަން އޭނާއަށް އެނގިވަޑައިނުގަންނަވާކަން،" ޗައިނާގެ ރަސްމީ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޕްރޮފެސަރ ލީ ހާއި ޑޮންގް ވިދާޅުވިއެވެ.
މީގެއިތުރުން ޕްރޮފެސަރ ލީ ހާއި ޑޮންގް ވަނީ އަދުގެ ދުނިޔެއަކީ އެމެރިކާ ބޭނުންހާ ގޮތަކަށް އުޅެވޭނެ އަދި އެމެރިކާ ބޭނުން ކުޅިއެއް ކުޅެވޭނެ މަސްރަޙެއް ނޫންކަން ޓްރަމްޕަށް ހަނދާން ކޮށްދެއްވާފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކަކޭ އެއްގޮތަށް އެމެރިކާއަކީވެސް އެއްޗައިނާގެ ސިޔާސަތު ގަބޫލުކޮށްފައިވާ ގައުމެކެވެ.
އެއްޗައިނާގެ ސިޔާސަތަކީ ޓައިވާނަކީ ޗައިނާގެ ބައެއްކަމަށް ދެކޭ ނުވަތަ ގަބޫލުކުރާ ސިޔާސަތެވެ. މިސިޔާސަތު ބައްޓަންވެފައިވަނީ ޓައިވާނަކީ އަމިއްލަ މިނިވަންކަން އިޢްލާންކޮށްގެންވާނެ ގައުމެއްނޫންކަމާއި ޓައިވާނަކީ ޗައިނާގެ ބައެއްކަމަށްވުމުގެ މައްޗަށެވެ.
ޓައިވާނަކީ 1959 ގައި ޗައިނާއަށް ކޮމިއުނިސްޓް އިންގިލާބުގެ ކުރިން ޗައިނާގެ ވެރިކަމުގެ ދަށުގައި އޮތް ޗައިނާގެ ޖަޒީރާއެކެވެ. ޗައިނާގެ ވެރިކަމުގެ ދާއިރާއިން ޓައިވާން ނުކުތީ 1959 ގައި ޗައިނާގެ ކޮމިއުނިސްޓް ޒައީމް މާއޮޒެޑޮންގް އެގައުމަށް ގެންނެވި އިންގިލާބާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ޗައިނާގެ ކޮމިއުނިސްޓް އިންގިލާބާ އިދިކޮޅު ޗައިނާގެ ލީޑަރުން އެމެރިކާގެ އެހީތެރިކަމާއެކު ޗައިނާގެ ޖަޒީރާއެއްކަމަށްވާ ޓައިވާން ނުވަތަ ފަރުމޯޒާ އަށް 1959 ގައި ވަޑައިގެން ޗައިނާ އަކީ ޓައިވާން ކަމަށާ ޗައިނާގެ މުޅި ރައްޔިތުން ތަމްޘީލް ކުރަނީ ޓައިވާންކަމަށް އިއްލާން ކުރެއްވިއެވެ. އަދި ޗައިނާއަށް ގެނައި ކޮމިއުނިސްޓް އިންގިލާބުގެ ދަށުން ޗައިނާގައި (ބެއިޖިންގްގައި) އެކުލަވާލި މާއޮގެ ސަރުކާރަކީ ބަޣާވާތުގެ ސަރުކާރެއްކަމަށް އެބޭފުޅުން އިޢްލާންކުރެއްވިއެވެ.
މިއާއެކު ޗައިނާގެ ކަމަށް އެމެރިކާ އިއުތިރާފްވީ ޓައިވާނަށެވެ. ނަމަވެސް އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރުއޮތީ ޗައިނާއަށެވެ. ޗައިނާގެ އާބާދީގައި އޭރު ހިމެނޭ 350 ވަރަކަށް މިލިޔަން މީހުންގެ ތެރެއިން ޓައިވާނުގެ އާބާދީގައި ހިމެނެނީ އެންމެ 10 ވަރަކަށް މިލިޔަން މީހުންނެވެ.
ދުނިޔޭގައި ޗައިނާގެ ބާރުގަދަވަމުން ދިޔުމުގެ ނަތީޖާއަކަށް ވެގެންދިޔައީ 1972 ގައި އޭރުގެ އެމެރިކާގެ ރައީސް ރިޗަޑް އެމް ނިކްސަން ޓައިވާން ދޫކޮށްލެއްވުމަށްފަހު ޗައިނާ ތަމްޘީލް ކުރަނީ ބޮޑުޗައިނާ (ބެއިޖިންގައި އޮންނަ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރަށް) ކަމަށް އިޢުތިރާފްވެ ވަޑައިގަތުމެވެ. އެއާއެކު ނިކްސަންވަނީ ކޮމިއުނިސްޓް ޗައިނާއަށް ޒިޔާރަތްވެސް ކުރައްވާފައެވެ. އެއަށްފަހު މިއަދާ ހަމައަށްވެސް އެމެރިކާ ގަބޫލުކުރަމުން ގެންދިޔައީ އެއްޗައިނާގެ ސިޔާސަތެވެ. ޓައިވާނަކީ ޗައިނާގެ ބައެއްކަމަށް ގަބޫލުކުރާ ސިޔާސަތެވެ. ޗައިނާގެ އިދިކޮޅު ލީޑަރުން ޓައިވާނަށް ފިއްލަވައިގެން ޓައިވާނުގައި ޗައިނާއާ ވަކިން އިދާރީ ވެރިކަމެއް އިޢްލާންކުރިނަމަވެސް ޓައިވާނުން ޗައިނާއާ ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި (އަދި މިއަދާ ހަމައަށްވެސް) އިޢްލާންކޮށްފައެއް ނުވެއެވެ.
ފޮކްސް ނިއުޒް އަށް ދެއްވި ބަސްދީގަތުމުގައި އެމެރިކާގެ ރައީސުލްމުންތަޚަބް، ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ ގަބޫލުކުރަމުން ގެންދާ އެއްޗައިނާގެ ސިޔާސަތުގެ މަތީގައި އެމެރިކާ ދެމިއޮންނަންޖެހޭތޯ ސުވާލު އުފައްދާފައެވެ. މިސިޔާސަތުގެ މަތީގައި ދެން އެމެރިކާ ދެމިއޮންނާނީ ވިޔަފާރިއާއި ސިޔާސީ ކަންކަމުގައި ޗައިނާއިން އެމެރިކާއަށް ދޫތަކެއް ދިނުމުންކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
މިގޮތުން ވިޔަފާރީގެ މުއާމަލާތްތަކުގައާއި އުތުރު ކޮރެޔާގެ މައްސަލައާ އަދި ދެކުނު ޗައިނާ ކަނޑުގެ އަރާރުންތަކުގެ މައްސަލާގައި އެމެރިކާ ބޭނުންވާ ދޫތައް ނުދޭނަމަ އެއްޗައިނާގެ ސިޔާސަތަށް އެމެރިކާ ތާއީދުކުރުމުގައި ދެމިނޯންނާ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ. މީގެމާނައަކީ ވަކި ދައުލަތެއްގެ ގޮތުގައި އެމެރިކާ ޓައިވާނަށް އިޢްތިރާފް ވުންކަމަށްވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)