12 Dec 2016, 22:35
ވެލިންޓަން(ޑިސެމްބަރު 12): ނިއު ޒީލޭންޑުގެ ބޮޑުވަޒީރު ޖޯން ކީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް އެގައުމުގެ ފިނޭންސް މިނިސްޓަރު ބިލް އިންގްލިޝް އައްޔަންކޮށްފި އެވެ.
ނިއު ޒީލޭންޑުގެ ވެރިކަން ކުރާ ނެޝަނަލް ޕާޓީގެ މަޖިލިސް މެމްބަރުންގެ ވޯޓަކުން ބޮޑުވަޒީރު ކަމަށް އިންގްލިޝް އައްޔަންކޮށްފައިވާ އިރު ބޮޑުވަޒީރުގެ ނައިބަކަށް ސޯޝަލް ހައުސިން މިނިސްޓަރު ޕޯލާ ބެނެޓް ވަނީ އައްޔަންކޮށްފައެވެ.
ކޮމާސް އާއި ލިޓްރޭޗާއިން ޑިގްރީ ހާސިލު ކުރައްވާފައިވާ އިންގްލިޝް، ނިއު ޒީލޭންޑުގެ އިގުތިސާދު ކުރިއެރުވުމަށް ކުރައްވާފައިވާ މަސައްކަތްތަކަށް ގިނަ ބަޔެއްގެ ތައުރީފު ވަނީ ލިބިފައެވެ. އޭނާގެ މިނިސްޓަރު ކަމުގެ ދަށުން އެގައުމުގެ ޖީޑީޕީ ތިން ޕަސެންޓަށް މަތިވެ، ވަޒީފާނެތް މީހުންގެ އަދަދު ވަނީ ފަސް ޕަސެންޓަށް ދަށްވެފައެވެ.
ނިއު ޒީލޭންޑުގެ ބޮޑުވަޒީރުކަން ކުރައްވާތާ އަށް އަހަރަށް ފަހު ކީ މަގާމުން އިސްތިއުފާ ދެއްވީ މިއީ އިސްތިއުފާ ދެއްވަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އޭނާގެ އާއިލާއާއެކު ވަގުތު ހޭދަ ކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. (އިންޑިޕެންޑެންޓް)