12 Dec 2016, 21:48
ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ސެންޓަރު (މެޓް)ގައި ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ގާއިމުކޮށް އައިއެސްއޯ 2008:9001 ގެ ސެޓްފިކްޓް ހާސިލްކޮށްފި އެވެ.
މިއަދު މެޓް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވީ، މިއީ މެޓްގެ ދިގު ތާރީހުގައި ވެސް ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ގާއިމުކޮށް މިފަދަ ބޮޑު ކާމިޔާބެއް ހޯދި ފުރަތަމަ ފަހަރު ކަމަށެވެ.
ޠާރިޤު ވިދާޅުވީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ބެހޭ އެންމެ މަތީ އެއް ޖަމިއްޔާ ކަމުގައިވާ އައިކާއޯގެ އެނެކްސް-3 އާއި އެއްގޮތްވާ ގޮތުގެ މަތިން އަދާކުރުމަށް ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މޫސުމާބެހޭ ގައުމީ އިދާރާ، އައިއެސްއޯ މިންގަނޑަށް ފެއްތުމަށް ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ކޮލިޓީ މެނޭޖްމަންޓު ސިސްޓަމް ގާއިމު ކުރުމަށްޓަކައި ބޭނުންވާ އުސޫލުތަކާއި ރޭވުންތައް ދުނިޔޭގެ މޫސުމާއި ބެހޭ ޖަމިއްޔާގެ މާހިރެއްގެ އެހީތެރިކަމާ އެކު ވަނީ ތައްޔާރުކޮށްފައެވެ. އަދި އެ ސިސްޓަމް ގާއިމު ކުރުމަށްޓަކައި ބޭނުންވާ ކޮމްޕެޓެންސީ އެސެސްމެންޓް މެނުއަލް ވެސް ޑަބްލިއު.އެމް.އޯ ގެ އެހީތެރިކަމާ އެކު ވަނީ ތައްޔާރުކޮށްފައެވެ.
ހަމަ އެއާއެކު، އެ އިދާރާގެ މުވައްޒަފުން ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް އަހުލުވެރިކޮށް މުވައްޒަފުންގެ މައުލޫމާތު ތާޒާ ކުރުމަށް ޕްރޮގްރާމްތަކެއް ހިންގައި، މޫސުމާ ބެހޭ މައުލޫމާތު ނަގާ އާލާތްތައް މަސައްކަތް ކުރަނީ ކަނޑައެޅިފައިވާ މިންގަނޑަށްކަން ކަށަވަރު ކުރުމަށް އެތަކެތި ކެލިބްރޭޓް ކުރުމާއި އާކުރުމާއި ބާވެފައި ހުރި އާލާތްތައް ބަދަލު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
މިނިސްޓަރު ވިދާޅުވީ، އައިއެސްއޯ ސެޓްފިކެޓް ލިބުމާ މުޅި އޭވިއޭޝަން ސެކްޓަރގެ ކްރެޑިބިލިޓި އިތުރުވެގެން ދާނެ ކަމަށާއި، ކުރިއަށް ވުރެ ރަނގަޅު މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ.
ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް އޭގެ އެންމެ އެކަށީގެންވާ ގޮތަށް ދެމެހެއްޓުމަށް ކޮންމެ އަހަރަކު ވެސް ދެ ފަހަރު އެ އިދާރާގެ އެތެރޭގެ މަސައްކަތްތައް އޮޑިޓް ކުރެވިގެންދާނެ އެވެ.
ވައިގެ ދަތުރުފަތުރުގެ އިންޑަސްޓްރީއަށް ފޯރުކޮށްދޭ ޚިދުމަތްތައް އަބަދުވެސް ތަރައްގީ ކުރުމާއި މަތީ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް މިިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޚިދުމަތް ހޯދާ ފަރާތްތަކުން މުއައްސަސާއަށް ދޭ ރޭޓިންގ 75 ޕަސެންޓު ނުވަތަ އެއަށްވުރެ މަތިން ހޯދުމަކީ މެޓްގެ އަމާޒު ކަމަށެވެ.
އެ މަޝްރޫއަށް ދެ މިލިއަނެއްހާ ރުފިޔާ ޚަރަދުވެފައި ވާއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި އެއަރ ޓްރެފިކް ކޮންޓްރޯލްގެ މޯލްޑިވިއަން ފަދަ ކުންފުނިތަކުން ދީލަތި އެހީތަކެއް ލިބިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މި މަހު ފަހު ކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު ވެދަރ ރާޑަރު މަރާމާތުކޮށް އަލުން ހުޅުވިގެން ދާނެ އެވެ. އެއީ ފާއިތުވި އަށް ވަރަކަށް އަހަރު އެއް ގޮތަކަށް ވެސް ނުހިނގާ، ހަލާކުވެފައި ހުރި ރާޑަރެއް ކަމަށާއި ގާތްގަނޑަކަށް 10 ވަރަކަށް މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ރާޑަރު މަރާމާތު ކޮށް ނިންމައި، މިހާރު ޓެސްޓިން ފޭސް ގައި ވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޠާރިޤު ވިދާޅުވީ އެހާ ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރަމުން ދަނީ އޭވިއޭޝަން ސެކްޓަރަކީ މުހިންމު ސެކްޓަރަކަށް ވާތީ ކަމަށެވެ.
އައިއެސްއޯ 9001ގެ ސްޓޭންޑަޑަކީ މިހާރު ވެސް ދުނިޔޭގެ 170 ގައުމަކުން އެތައް ކުންފުނިތަކެއް ފޮލޯކުރަމުން އަންނަ ސްޓޭންޑަޑެކެވެ.
އެ ސްޓޭންޑަޑަށް ފައްތާފައިވާ ކުންފުނިތަކަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްތަކެއްދީ، ތަނުގެ މެނޭޖްމަންޓް ވަރުގަދަކޮށް، ވަކި ގޮތްތަކެއްގެ މަތިން ހިންގުމަށް ކަނޑައަޅާފައިވާ ސްޓޭންޑަޑެކެވެ.