ބޭ އޮފް ބެންގޯލްގައި އުފެދުނު ތޫފާން ވަރުދާ، ގަދަ ވަޔާއި ވިއްސާރައާ އެކު އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އަރައިފި އެވެ.

އިންޑިއާގެ އިރުމަތީ އައްސޭރިފަށުގެ ދެ ޓަމިލް ނާޑޫ ސްޓޭޓާއި އަންދްރަ ޕްރަދޭޝްއަށް އަސަރު ކުރަމުން ދާ ތޫފާން ވަރުދާ، ޓަމިލް ނާޑޫގެ ވެރިރަށް ޗެންނާއީއަށް ލޭންޑްފޯލް ކޮށްފައެވެ. ލޭންޑްފޯލްގެ މާނައަކީ، ތޫފާނުގެ ބާރު އެންމެ ގަދަ ހިސާބު ކަމުގައިވާ، ތޫފާނުގެ މެދު، އެއްގަމުގެ ސަރަހައްދަކަށް އެރުމެވެ.

މިކަމާ ގުޅިގެން ޗެންނާއީގެ ސްކޫލުތަކާއި ވިޔަފާރިތައް ބަންދުކޮށް، ޗެންނާއީ އިންޓަނޭޝާނަލް އެއާޕޯޓު ވެސް ވަނީ ބަންދުކޮށްފަ އެވެ. ޗެންނާއީ އެއާޕޯޓަށް ދަތުރުކުރަން ހުރި، ގިނަ އަދަދެއްގެ ޑޮމެސްޓިކް އަދި ބައިނަލްއަގުވާމީ ފްލައިޓުތައް ދަނީ ކެންސަލް އަދި ޑައިވާޓް ކުރަމުންނެވެ.

ޗެންނާއީއަށް ތޫފާން އަރާފައިވާ އިރު ޓަމިލް ނާޑޫ، އަންދްރާ ޕްރަދޭޝް ސްޓޭޓަށާއި ޕޮންޑިޗެރީ ޔޫނިއަން ޓެރިޓަރީގެ ރައްޔިތުން ސަމާލުވެ ތިބުމަށް، ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ދަނީ އިލްތިމާށް ކުރަމުންނެވެ. އަދި އަންދްރާ ޕްރަދޭޝާއި ޓަމިލް ނާޑޫގެ މަސްވެރިން މަހަށް ނުނުކުތުމަށް ވެސް ދަނީ އިލްތިމާސް ކޮށްފަ އެވެ.

ޗެންނާއީގެ ގިނަ ގަސްގަހާއި، މަގުމަތީގައި ޖަހާފައިވާ ގިނަ އަދަދެއްގެ ހޮޅި ދަނޑިތައް ވަނީ ތޫފާން ވަރުދާގެ ގަދަ ވަޔާއި އެކު ވެއްޓިފައެވެ. އަދި އެ ސިޓީގެ ގިނަ ހިސާބުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

ތައިލެންޑްގެ ދެކުނުގެ ސަރަހައްދަކުން އުފެދުނު ކަމަށް ބެލެވޭ މި ތޫފާން ބޭ އޮފް ބެންގޯލް ހުރަސްކޮށް އިންޑިއާއަށް އައީ، އެ ކަނޑުގައި އޮންނަ އިންޑިއާގެ ޔޫނިއަން ޓެރިޓަރީ އެންޑަމަން އަދި ނިކޮބާ ޖަޒީރާއަށް ވެސް އޭގެ އަސަރުތައް ކުރުވާފައެވެ.