12 Dec 2016, 15:41
ރޯމް (ޑިސެމްބަރު 12): އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ، އެ ގައުމުގެ އާ ބޮޑުވަޒީރު ކަމުގެ މަގާމަށް ފޮރިން މިނިސްޓަރު ޕައުލޯ ޖެންޓިލޯނީ އައްޔަން ކުރައްވައިފި އެވެ.
ޖެންޓިލޯނީ ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމަށް ފަހު އާ ސަރުކާރެއް އެކުލަވާމުގެ ޒިންމާ އޭނާއާ ހަވާލުކޮށްފައި ވަނީ އިޓަލީގެ ގާނޫނު އަސާސީއަށް ބައެއް ބަދަލު ގެނައުމަށް ޓަކައި ސަރުކާރުން ރައްޔިތުންނަށް ހުށަހެޅި ފެންނަ ނުފެންނަ ވޯޓު ނާކާމިޔާބުވުމާ ގުޅިގެން ބޮޑުވަޒީރު މެތިއު ރެންޒީ އިސްތިއުފާ ދެއްވުމުންނެވެ.
ޖެންޓިލޯނީ އަށް ތާއިދުއޮތްތޯ ބެލުމަށް މިހަފްތާގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުން ވޯޓެއް ނަގާނެ އެވެ. އެވޯޓު ޖެންޓިލޯނީއަށް ކާމިޔާބު ކުރެވުނު ނަމަވެސް އިދިކޮޅު ގިނަ ފަރާތްތަކުން އާއިންތިހާބެއް ބޭއްވުމަށް ގޮވާލަމުން ދިޔުމުގެ ސަބަބުން އޭނާގެ ވެރިކަން ކުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.
ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމާ ގުޅިގެން ޖެންޓިލޯނީ ދެއްވި ތަގުރީރުގައި އޭނާ ވަނީ ގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި އިޖުތިމާއީ މައްސަލަތަކަށް ވަރަށް އަވަހަށް ހައްލެއް ބޭނުންވާ ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އާސަރުކާރެއް ވީހާ ވެސް އަވަހަށް ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޖެންޓިލޯނީއަކީ ރެންޒީއަށް ތާއިދު ކުރައްވާ އަދި ރެންޒީގެ ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެންކަމުން ޖެންޓިލޯނީގެ ސަރުކާރަށް އައްޔަން ކުރާނީ ރެންޒީގެ ސަރުކާރުގައި ވެސް ތިއްބެވި މިނިސްޓަރުން ކަމަށް ގިނަ ބަޔަކު ލަފާ ކުރެ އެވެ.
ހާރިޖީ ދާއިރާގައި އެއްވެސް ތަޖުރިބާއެއް ނެތީސް ޖެންޓިލޯނީ އިޓަލީގެ ހާރިޖީ ވަޒީރު ކަމަށް އައްޔަން ކުރީ މީގެ ދެ އަހަރު ކުރިންނެވެ. (ބީބީސީ)