12 Dec 2016, 15:47
ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ތޫފާން ވަރުދާ، އިންޑިއާގެ އިރުމަތީ ސްޓޭޓު ޓެމިލް ނާޑޫގެ ޗެންނާއީއަށް އެރުމުގެ ސަބަބުން ޗެންނާއީ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކޮށްފައި ވާތީ، ގައުމީ އެއާލައިން މޯލްޑިވިއަނުން ޗެންނާއީއަށް ދިއުމަށް މިއަދު ފުރި ފްލައިޓު ޓްރިވެންޑްރަމަށް ޑައިވާޓު ކޮށް ޖައްސައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު "ސަން" އަށް ވިދާޅުވީ، ތޫފާނާ ގުޅިގެން ޗެންނާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދާއި މާދަމާ ވެސް އެއްވެސް ފްލައިޓެއް ނުޖެއްސޭނެކަން އަންގާފައިވާ ކަމަށެވެ.
މޯލްޑިވިއަންއިން މާލެއިން ޗެންނާއީއަށް ހަފްތާއަކު ތިން ދުވަހު ސީދާ ދަތުރުތައް ކުރެ އެވެ. އަދި ޗެންނާއީގައި ޖެއްސުމަށް ފަހު، ބަންގްލަދޭޝްގެ ވެރިރަށް ދާކާއަށް ވެސް އެ ފްލަިއޓު ދަތުރުކުރެ އެވެ.
ނަޝާތު ވިދާޅުވީ، ޗެންނާއީ އެއާޕޯޓަށް ފްލައިޓަށް ނުދެވޭނެ ކަމަށް އެއާޕޯޓުން އެންގުމާ އެކު، އެ ފްލައިޓު ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވާ ކަމަށެވެ.
ނަޝާތު ވިދާޅުވީ، އެ ފްލަިއޓުގައި ޗެންނާއީ އަށް ދާން އެދޭ މީހުންނަށް، އެއްގަމު އުޅަނދުފަހަރުގައި ޓްރިވެންޑްރަމުން ޗެންނާއީއަށް ދެވޭނެ އިންތިޒާމު މޯލްޑިވިއަންގެ ޚަރަދުގައި ހަމަޖައްސައިދީފައި ވާނެ ކަމަށެވެ.
އަދި ބަންގްލަދޭޝަށް ދާން ތިބި ފަސިންޖަރުން ގޮވައިގެން ދާކާއަށް ދިއުމަށް ޓްރިވެންޑްރަމުން ފްލައިޓު ފުރާފައިވާ ކަމަށް ވެސް ނަޝާތު ވިދާޅުވި އެވެ.
ތޫފާން ވަރުދާ ޗެންނާއީއަށް އަރާފައިވާ އިރު އެ ތޫފާނުގައި ގަޑިއަކު 120 ކިލޯ މީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދެ އެވެ. އަދި ޗެންނާއީއަށް ބޯކޮށް ވާރޭ ވެހި، ވިއްސާރަ ކުރަމުން ދާތީ އެ ސްޓޭޓުގެ ގިނަ ވިޔަފާރިތަކާއި ސްކޫލްތަކުގެ އިތުރުން ސަރުކާރުގެ ޚިދުމަތްދޭ ތަންތަން ދަނީ ބަންދުކުރަމުންނެވެ.
ޗެންނާއީއަށް ތޫފާން އަރާފައިވާ އިރު، ގަސްގަހާޢި ހޮޅިދަނޑި ފަދަ ތަންތަނާ ކައިރިން ނޫޅުމަށް ސަލާމަތީ މަސައްކަތުގައި އުޅޭ ފަރާތްތަކުން ދަނީ ޢާންމުންނަށް ގޮވާލަމުންނެވެ. އަދި ބޭރަށް ނުކުމެ ނޫޅުމަށް ވެސް އިލްތިމާށް ކުރަމުންދެ އެވެ.
މި ތޫފާނާ ގުޅިގެން ޓަމިލް ނާޑޫއާއި ކައިރި ސްޓޭޓުތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ގެދޮރު ދޫކޮށްލައި، ރައްކާތެރި ހިސާބުތަކަށް ބަދަލުވެފަ އެވެ.