ޖަރުމަނު ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުން މަޖިލީހުހެ މެންބަރުންގެ ދެމެދުގައި ފުޓްބޯޅަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

މަޖިލީހުގެ އަމީން އާންމު އަހުމަދު މުހަންމަދު މިއަދު ވިދާޅުވީ މި މަހު 21 އިން 22 އަށް ރާއްޖެ ވަޑައިގަންނަވާ ޖަރުމަނު ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުގެ މެދުގައި ކުޅޭ ފުޓުބޯޅަ މެޗެއް މާލޭގައި އޮންނާނެ ކަމަށެވެ. ނަމަވެސް އަދި މެޗު ކުޅޭނެ ދުވަހަކާއި ތަނެއްގެ މައުލޫމާތު އެގިވަޑައިނުގަންނަވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ޖަރުމަންވިލާތުގެ ޕާލިމެންޓޭރިއަނުން ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް މި ކުރައްވަނީ ދެ ގައުމުގެ ޕާލިމެންޓޭރިއަނުންގެ މެދުގައި ގުޅުން ބަދަހިކޮށް، ރާއްޖޭގައި ޑިމޮކްރޮސީގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތާއި އަދި ރާއްޖޭގެ އާންމު މައުލޫމާތު ހޯދުމަށެވެ.