ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމާއި އިތުރު ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް، ޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމާއި އަލްއުސްތާޒް އިސްހާގު މުހައްމަދުފުޅު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް މި އަހަރު ގެނައި އިސްލާހެއްގެ ދަށުން، ފިގުހު އެކެޑެމީ އުވާލައި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނަމުގައި ޚާއްސަ މަޖިލީހެއް ވަނީ އުފައްދައިފަ އެވެ.

އެ އިސްލާހު ތަންފީޒުކުރި އިރު، އެ މަޖިލީހުގައި ހިމެނޭ މެމްބަރުން ކަމަށް ކަނޑައަޅާފައިވަނީ އިސްލާމިކް މިނިސްޓަރު އައްޔަނުކުރާ މެމްބަރަކާއި ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަނުކުރާ މެމްބަރަކާއި، ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކެޑެމިކް ސްޓާފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އައްޔަނުކުރާ މެމްބަރަކާއި އަދި ރައީސުލްޖުމްހޫރިއްޔާ ސީދާ އައްޔަނުކުރައްވާ ދެ މެމްބަރުންނާ އެކު ޖުމްލަ ފަސް މެމްބަރުންނެވެ.

އެހެން ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ގާނޫނަށް ގެނައި އިތުރު އިސްލާހަކުން، އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަނުކުރާ މެމްބަރުގެ މާއްދާ ކަނޑާލައި، ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެމްބަރުންގެ އަދަދު ވަނީ ތިނަކަށް އިތުރުކޮށްފަ އެވެ.

ދީނީ ފަތުވާ ދޭ މަޖިލީސް އެކުލެވިގެންވާ ގޮތް:

  • އިސްލާމިކް މިނިސްޓަރ އައްޔަނުކުރައްވާ މެމްބަރު:ހަސަން ތައުފީގު

  • ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީގެ އެކަޑެމިކް ސްޓާފުންގެ ތެރެއިން ރައީސްގެ ލަފާގެ މަތިން އައްޔަނުކުރާ މެމްބަރު:ޝައިޚް އާދަމް ޝަމީމް.
  • ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ތިން މެމްބަރުން:ޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް، އިބްރާހިމް އަހްމަދު އަދި އަލްއުސްތާޒް އިސްހާގު މުހައްމަދުފުޅު