12 Dec 2016, 14:33
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސްކަމަށް އަހްމަދު މަމްދޫހު (މަންޑޭ) އާއި ވިޝާމް ރަޝީދު ކުރިމަތިލައިފި އެވެ.
އެމްބީއޭގެ ހުސްވެފައިވާ ރައީސްކަމަށް ކުރިމަތިލި މަންޑޭ އަކީ އެންމެ ފަހުން ބޭއްވި އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލައްވައި، ނާކާމިޔާބުވި ބޭފުޅެކެވެ. އަދި ވިޝާމް އަކީ މިހާރު ވެސް އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެވެ.
އެމްބީއޭގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ކުރިން އެ އިންތިހާބު އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމި ނަމަވެސް، އިންތިހާބު އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފައެވެ.
އެމްބީއޭގެ ރައީސްކަމުގެ މަގާމު ހުސްވެފައި ވަނީ އޮކްޓޯބަރު މަހު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ހޮވިވަޑައިގެންނެވުމާއެކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިދިޔަ އޮކްޓޯބަރު މަހު އެމްބީއޭގެ އިންތިހާބީ ޖަލްސާ ކުރިއަށްގެންދިޔައީ ހޯމް މިނިސްޓްރީން އެކުލަވާލި ކޮމިޓީއަކުންނެވެ. ނަމަވެސް އެމްބީއޭގެ ރައީސްގެ މަގާމު ހޮވުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ކުރިއަށްގެންދާނީ އޮކްޓޯބަރު މަހު އިންތިހާބުވި އެ އެސޯސިއޭޝަނުގެ އެކްސްކޯ އިންނެވެ.