ޗެންނާއީ (ޑިސެމްބަރު 12): އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔާރަމް ޖަޔަލަލީތާ އަވަހާރަވުމާ ގުޅިގެން 'ޝޮކެއް ޖެހިގެން' 470 މީހަކު މަރުވެފައިވާ ކަމަށް އެސްޓޭޓުގެ ވެރިކަން ކުރާ ޕާޓީ އޯލް އިންޑިއާ އަންނާ ޑްރެވިދާ މުނެޓްރާ ކަޒަގަމް (އޭއައިއޭޑީއެމްކޭ) އިން ބުނެފި އެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ޖަޔަލަލީތާ އަވަހާރަވުމާ ގުޅިގެން މަރުވި 470 މީހުންގެ ތެރެއިން 190 މީހެއްގެ ނަންތައް އޭއައިއޭޑީއެމްކޭ އިން ވަނީ އިއްޔެ އާއްމުކޮށްފަ އެވެ. އަދި އެމީހުންގެ އާއިލާތަކަށް ތިން ލައްކަ ރުޕީސްގެ އެހީ ދޭނެ ކަމަށް ވެސް ލިސްޓާ އެކު ނެރުނު ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އޭއައިއޭޑީއެމްކޭ އިން ވަނީ ޖަޔަލަލީތާ އަވަހާރަވުމާ ގުޅިގެން އަމިއްލައަށް މަރުވާން އުޅުނު ހަ މީހެއްގެ ތެރެއިން ހަތަރު މީހެއްގެ މައުލޫމާތު ވެސް އާއްމުކޮށްފަ އެވެ. އަދި އެހަތަރު މީހުންނަށާއި ޖަޔަލަލީތާ އަވަހާރަވި ހަބަރު ލިބުމުން އިނގިލި ބުރިކޮށްލި މީހަކަށް 50،000 ރުޕީސްގެ އެހީ ދޭނެ ކަން ވެސް އިއުލާންކޮށްފަ އެވެ.

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން ފަސް ދައުރަކަށް ކުރައްވާފައިވާ ޖަޔަލަލީތާ އަވަހާރަވީ އާލާސްކަންފުޅެއްގެ ސަބަބުން އެޕޯލޯ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާތާ 75 ދުވަސް ފަހުންނެވެ. އެސްޓޭޓުގެ ޗީފް މިނިސްޓަރުކަން މިހާރު ކުރައްވަނީ ޖަޔަލަލީތާ ހޮސްޕިޓަލުގައި އޮންނެވި އިރު ބާރުތައް ހަވާލު ކުރެއްވި، އޭނާގެ އަރިސް ފަރާތެއް ކަމަށްވާ އޯ ޕަނީރުސެލްވަމް އެވެ. (އޭއެފްޕީ)