18 Jun 2011, 16:31
އެމްޑީޕީގެ ވަގުތީ ޗެއާ ޕާސަންގެ މަގާމަށް ރީކޯ މޫސާ މަނިކު އެމްޑީޕީގެ ގައުމީ މަޖިލީހުން އިންތިހާބު ކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ފުށުއަރާ ގޮތަށް ކަމަށް އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) މިއަދު ވިދާޅުވެއްޖެ އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި އެމްޑީޕީގެ އެންމެ އިސްވެރިންގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް ބައިވެވަޑައި ނުގަންނަވާ ޑީޑީ، މިއަދުގެ ޖަލްސާގައި ނިންމި ބައެއް ނިންމުތަކާ ގުޅޭ ގޮތުން ވިދާޅުވީ އެމްޑީޕީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޗެއާޕާސަންގެ ނައިބު އިދާރާ އާ އެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނިކޮށް ގައުމީ މަޖިލީހުގެ ބައެއް މެންބަރުން އެ ނިންމި ނިންމުމަކީ ޕާޓީގެ ގަވާއިދާ ފުށު އަރާ ގޮތަށް ނިންމި ނިންމުމެއް ކަމަށާއި އެކަމުގައި ގާނޫނީ ލަފާ ހޯދަން ޖެހޭ ކަމަށެވެ.
"އަސާސީ ގަވާއިދުގެ 87 ވަނަ މާއްދާގެ )ޅ( ގައި ވަރަށް ސާފުކޮށް ލިޔެވިފައި އެބަ އޮވޭ ޕާޓީގެ ޗެއާޕާސަން ނެތް ހާލަތެއްގައި ވަގުތީ ގޮތުން އެ މަގާމާއި މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ ޗެއާޕާސަންގެ ނައިބު އިދާރީއާ ކަމަށް އެހެންވީމާ އެގޮތުގެ މަތިން އެގޮތަށް ހަވާލުކުރެވިފައި އޮއްވާ ގައުމީ މަޖިލީހަށް އެތިބި މެންބަރުންގެ ތެރެއިން ވަކި ބަޔަކު އެގޮތަށް އެ ނިންމެވީ. އެހެންނަމަވެސް އެއީ އަދި އިތުރަށް ލީގަލް އޮޕީނިއަން ހޯދައިގެން ކަނޑައެޅިގެން ބަޔާން ކުރެވިފައި ހުރި ކަމެއް. އެގޮތަށް ނިންމީމާ އެއީ ކިހާވަރެއްގެ ކަމެއްތޯ ބަލައިލަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ޑީޑީ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މާރިޔާ އަހުމަދު ދީ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމު ހުސްވުމާއެކު މިދިޔަ ހަފުތާގައި އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަނީ ވަގުތީ ގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މުޙައްމަދު އިމްތިޔާޒާއި ހަވާލުކޮށްފަ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުގެ މަގާމުގައި މިއަދުން ފެށިގެން މޫސަ އެއްއަހަރު ދުވަހަށް ހުންނަވާނެ ކަމަށް ގައުމީ މަޖިލީހުން ނިންމުމުން އެކަމަށް ވެސް ޑީޑީ ވަނީ މިއަދު ފާޑު ވިދާޅުވެފަ އެވެ.
"މިއަދުގެ ވާހަކައިގާ ފާހަގަކުރެވިފައި އޮތީ މި އަންނަ އަހަރު ޖޫން މަހުގައި އެއްއަހަރު މުއްދަތެއް ދީފައި، ދެން އެއް އަހަރުގެ މުއްދަތަށް ފަހު ކޮންގުރެސްގެ ކުއްލި ބައްދަލުވުމެއް ބާއްވައިގެން އޭގެން އިންތިހާބުކުރާ ގޮތަށް. އެއީވެސް އަނެއްކާ އަސާސީ ގަވާއިދާއި ފުށުއަރާ ކަމެއްކަން ފާހަގަކުރެވޭ." ޑީޑީ ވިދާޅުވި އެވެ.
ދާދިފަހުން އެމްޑީޕީގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ޑީޑީ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގަތީ އޭނާގެ މަސްލަހަތު ހިމެނޭ ގަރާރެއް ގައުމީ މަޖިލީހަށް ހުށަހަޅާފައިވާތީ ޑިމޮކްރެޓިކް އުސޫލަށް ތަބާވުމުގެ ގޮތުން ކަމަށް ޑރ.ޑީޑީ ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގެ މެންބަރަކު ވަނީ ޕާޓީގެ ރައީސް އާއި ނައިބު ރައީސް ގައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހިމެނުމާ ގުޅޭ ގަރާރެއް މިއަދުގެ ޖަލްސާ އަށް ހުށަހަޅާފަ އެވެ.
"ގައުމީ މަޖިލީހުގެ މެންބަރަކު އެފަދަ ގަރާރެއް ހުށަހަޅުއްވާފައި އޮތީމާ އަޅުގަނޑަށް ފެންނަ ގޮތުން ޑިމޮކްރެޓިކް އުސޫލާއި މިންގަނޑަށް ބަލާއިރުގައި އަޅުގަނޑާ ގުޅުން ގުރި ގަރާރެއް އެކަމުގައި ބަހުސް ކުރެވޭ އިރު އެތަނުގައި އިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ނުވެދާނެތީވެ ޑިމޮކްރަޓިކް އުސޫލަކަށް ތަބާވުމުގެ ގޮތުން އަޅުގަނޑު ބައިވެރި ނުވީ،" ޑރ.ޑީޑީ ވިދާޅުވި އެވެ.
މޫސާ މަނިކު ވަގުތީ ޗެއާޕާސަން ކަމަށް އިންތިހާބު ކުރުމާ ހަމައަށް މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ އެވެ. މިއަދުގެ ޖަލްސާގައި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލިސް އައްޔަން ކުރުމާއި އަދި އަސާސީ ގަވާއިދު އިސްލާހުކުރުމަށް ހަތަރު މެންބަރުންގެ ކޮމެޓީއެއް ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.
ގައުމީ މަޖިލީހުގެ ނިންމުންތަކަށް ޑީޑީ ފާޑުވިދާޅުވި އިރު އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.