މީގެ ހަ އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) ރަނީނުކުރުމުގެ ކުށުގައި ތިން މީހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

އެ މައްސަލާގައި އުމުރަށް ޖަލަށްލާން ހުކުމް އިއްވާފައި ވަނީ ހއ. ހޯރަފުށީ އުންމީދީ މަންޒިލް އަހްމަދު އިބްރާހީމާއި އެރަށު ސޯސަންވިލާ ނުއުމާން އަބްދުﷲގެ އިތުރުން ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ އެރަށު ޅޮހީގޭ މުހައްމަދު ލަތީފްގެ މައްޗަށެވެ.

ދައުލަތުން އެ ތިން މީހުންގެ މައްޗަށް އުފުލި އެ ދައުވާގައި ބުނެފައިވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ހުސޭނުބޭ ރަހީނުކޮށް ފަޅުގޯއްޗަކަށް އެއްލާލުމަށްފަހު އަނގަޔަށް ގިނައަދަދެއްގެ ވެލިތަކެއް އަޅައި ނޭވާ ހާސްކޮށްލާފައިވާ ކަމަށެވެ.

ހުސޭނުބޭ ރަހީނު ކޮށް ކުރި އަނިޔާގެ ސަބަބުން މަރުވިކަމަށް ދައުލަތުން ހުށަހެޅި ހެކިން ކޯޓުގައި ވަނީ ބުނެފައެވެ. މިއަދު އެ ތިން މީހުންގެ މައްޗަށް އިއްވި ހުކުމުގަައި ބުނެފައި ވަނީ ހުސޭނުބޭ މަރާލުމުގެ ގަސްތު އެ ތިންމީހުންގެ އޮތްކަން ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ރަހީނު ކުރިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ދައުވާ ލިބޭ ތިންމީހުން ދައުވާއަށް އިންކާރު ކުރި ނަމަވެސް ހުށަހަޅާފައިވާ ސައިންޓިފިކް ހެކިތަކުން، ހުސޭނުބޭ ރަހީނު ކުރިކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އަދި ހުސޭނުބޭ މަރުވެފައި އޮއްވައި ފެނުނު ރޭ އެ ތިން މީހުންވެސް އާދަޔާހިލާފަށް ރަށުތެރޭގައި އުޅުނުކަން އެނގޭ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ތަހުގީގަށް ދީފައިވާ ބަޔާނަށް އެ ތިން މީހުން ޝަރީއަތުގެ މަޖިލީހުގައި އިންކާރު ކުރިނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހާ ތަހުގީގަށް ދީފައިވާ ބަޔާނާ ގުޅޭ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.

ޝަރީއަތަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކުން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ހުސޭނުބޭ ރަހީނު ކުރިކަން ތިންމީހުންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގެ (ހ) ގެ ދަށުން ތިން މީހުންވެސް އުމުރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރުގައި ބުނެފައިވަނީ ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ އެފަދަ އަމަލެއް ކުރާ މީހެއްގެ އުގޫބާތަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ދައުލަތުން ވަނީ ވައްކަމުގެ ދައުވާވެސް އުފުލާފައެވެ. އެ ދައުވާގައި ބުނެފައިވަނީ ސެޕްޓެންބަރު 27، 2010، ވަނަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރު އެ ތިން މީހުން ހުސޭނުބޭ ދިރިއުޅޭ ގެއިން 100000 އަށް ވުރެ ގިނަ ރުފިޔާ އާއި 1000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒް ވަގަށް ނަފާފައިވާ ކަމަށެވެ.

މައްސަލާގައި ދައުވާ ލިބޭ ބައެއް މީހުންނާ ގުޅުން ހުރި ތަންތަނުން ބައެއް ފައިސާ ފެނިފައިވާ ކަމަށް ދައުލަތުން ހުށަހެޅި ބައެއް ހެކިން ވަނީ ކޯޓުގައި ބުނެފައެވެ.