ސައިކަލު ޓެކްސީގެ ހިދުމަތް ދޭން ބޭނުންވާ ކަމަށް ބުނެ ހަތަރު ފަރާތަކުން ހުށަހަޅާފައިވާ ކަމަށާއި ޖެނުއަރީ ފުރަތަމަ ހަފްތާގެ ތެރޭގައި ހިދުމަތް ދޭން ފެށޭވަރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

މީގެ ކުރިން ސައިކަލު ޓެކްސީ ކުރުމަށް ހުއްދަދިން ފަރާތުން ބުނެފައި ވަނީ ގަވާއިދާ އެއްގޮތަށް ހިދުމަތް ދެވެން ނެތް ކަމަށާއި ގަވާއިދު ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން އަލުން އިއުލާނު ކުރުމުން ހަތަރު ފަރާތަކުން ކުރިމަތި ލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޓްރާންސްޕޯޓް ކޮންސަލްޓެންޓް މުހައްމަދު އިމްތިޔާޒް ވިދާޅުވި އެވެ.

ސައިކަލު ޓެކްސީގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް މިހާރު މައުލޫމާތު ހިއްސާކޮށް މިމަހު 20ގެ ކުރިން ފޯމު ހުށަހަޅަން އަންގާފައިވާނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

ހިދުމަތް ދިނުމަށް އެދި ކުރިމަތިލީ މީހުންގެ ތެރޭގައި މިހާރު ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކާއި މީގެކުރިން އިކޮނޮމިކް މިނިސްޓްރީއާ އެކު މަސައްކަތް ކޮށްފައިވާ ފަރާތްތައް ވެސް ހިމެނޭ ކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފަ އެވެ.

އަދި ވިދާޅުވީ ހުރިހާ މަރުހަލާއެއް ނިންމައި ޖެނުއަރީ ފުރަތަމަ ހަފްތާގެ ތެރޭގައި ހިދުމަތް ދެވެން ފެށޭވަރު ވާނެ ކަމަށެވެ.

ސައިކަލު ޓެކްސީ ކުރުމުގެ ގަވާއިދުގައިވާ ގޮތުން ސައިލަކު ޓެކްސީ ކުރާ ޓެކްސީ އަކީ އެއްގަމު ދަތުރު ފަތުރު ކުރުމުގެ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ އުޅަނދަކަށް ވާން ޖެހެ އެވެ. އަދި އެއީ އޭ ވަން ނުވަތަ އޭ ޒީރޯ ގިންތީގެ އުޅަނދަކަށް ވާން ޖެހެ އެވެ.

ޓެކްސީ ކުރާ ސައިކަލުގެ ހުންނަން ޖެހޭ ޝަރުތުތައް

  • އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ އެއްގޮތަށް ރެޖިސްޓްރީ ކޮށްފައިވާ އުނޅަދަކަށް ވުން

  • އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރެވޭ ގިންތިތަކުގެ ތެރެއިން އޭ ވަން ނުވަތަ އޭ ޒީރޯ ގިންތީގެ އުޅަނދަކަށް ވުން

  • އުޅަނދުގެ ސީޓަކީ ދުއްވާ ފަރާތާ ފަސިންޖަރާ ދެ މީހުން ހަމަޖެހިގެން އެށީދެތިބެވޭ ސީޓަކަށްވުން

  • ޓެކްސީ ސެންޓަރާ ސައިކަލުގެ ވެރިފަރާތާ ދެމެދު އެއްބަސްވުމެއް ހަދާފައި އޮތުން

ޓެކްސީކުރާ އުޅަނދެއް ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ގަވާއިދުގައި ބުނެފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތު ހަމަވުމުގެ ތިން މަސް ކުރިން ރަޖިސްޓްރީ އާ ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. ޓެކްސީ އެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވާ ނަމަ އުޅަނދުގެ ރަޖިސްޓްރީ ބާތިލު ކުރުމުގެ ބާރު ގަވާއިދުން އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވެ އެވެ.