ވެނެޒުއޭލާގެ އެންމެ ބޮޑު ފައިސާ ނޫޓު ކަމުގައިވާ 100 ބޮލިވާގެ ނޫޓުތައް އަނބުރާ ނެގުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ވެނެޒުއޭލާގައި ސިޔާސީ ހަމަނުޖެހުންތަކާ އެކު، އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވަނީ އެގައުމު ވެއްޓިފައެވެ. އެގޮތުން، އެގައުމުގައި ފައިސާގެ އަގު ވެއްޓިފައިވާ އިރު، އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެއްޗާއި ކާނާއަށް ވެސް ރައްޔިތުން ދަނީ ޖެހެމުންނެވެ.

ވެނެޒުއޭލާގެ ސަރުކާރުން ނިންމާފައިވަނީ އެގައުމުގައި ބޭނުންކުރާ ފައިސާ ނޫޓުގެ އެންމެ މަތީ ޑިނޯމިނޭޝަން ކަމުގައިވާ، 100 ބޮލިވާ ނޫޓު އެގައުމުގެ ސެންޓްރަލް ބޭންކަށް އަނބުރާ ނެގުމަށެވެ. ސަރުކާރުން ނިންމާފައިވަނީ 100 ބޮލިވާގެ ނޫޓުގެ ބަދަލުގައި 100 ބޮލިވާ، ފައިސާ ފޮތި ނުވަތަ ކޮއިންސްއިން ދިނުމަށެވެ. ކުރިޔަށް އޮތް ތިން ދުވަހު މިކަން ކުރިޔަށް ގެންދިއުމަށް ވެނެޒުއޭލާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މިކަން ވެނެޒުއޭލާއިން ކުރަނީ، ގާނޫނާއި ގަވައިދާ ޚިލާފަށް އެގައުމަށް ތަކެތި އެތެރެކުރުމާއި ބޭރުކުރުމުގެ އިތުރުން، ކާނާއާއި އެހެނިހެން މުދަލަށް ޖެހެމުންދާ ޖެހުމަށް ހުއްޓުވުމެއް ގެނައުމަށެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވީ، ވެނެޒުއޭލާގެ ބޯޑަރުތަކުގައި، ސްމަގްލިންގްގެ ހަރަކާތްތައް ހިންގަމުންދާ ފަރާތްތަކަށް މިކަމުގެ ތަކުލީފު ލިބޭނެ ކަމަށެވެ.

ވެނެޒުއޭލާގައި ހިނގަމުންދާ ސިޔާސީ އަދި އިގްތިސާދީ ހަމަނުޖެހުންތަކުގެ އިތުރުން، ދުނިޔޭގައި މިވަގުތު އޮތް އެންމެ މަތީ އިންފްލޭޝަން ރޭޓު އޮތީ އެގައުމުގައެވެ. މިވަގުތު އެގައުމުގެ ފައިސާގެ އަގު އުޅެނީ، 100 ބޮލިވާއަށް އެމެރިކާ ޑޮލަރުގެ ދެ ސެންޓުގެ މަގުންނެވެ.

ރައީސް މަޑޫރޯ ވިދާޅުވީ އެގައުމުގެ ހުރިހާ ބޯޑަރެއް ބަންދުކުރުމުގެ އަމުރު ކުރައްވާފައިވާ ކަމަށާއި، ސްމަގްލް ކުރުމުގެ ވިޔަފާރި ކުރާ މީހުންނަށް މިފަހަރު ގޮތް ހުސްވާނެ ކަމަށެވެ.