12 Dec 2016, 10:58
މިއަހަރުގެ ތިންވަނަ ކުއާޓަރު (ޖުލައި - ސެޕްޓެމްބަރު) ގައި ދެ ހާހަށް ވުރެ ގިނަ ކުށުގެ ރެކޯޑު ސާފުކޮށްދީފައި ވާކަމަށް ޕްރޮސެކިއުޓަރ ޖެނެނަލް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޕީޖީ އޮފީހުން އާންމު ކުރި ކުއާޓަލީ ރިޕޯޓު ބުނާގޮތުން، ތިން ވަނަ ކުއާޓަރުގައި ޖުމްލަ 2383 ފަރާތެއްގެ ކުށުގެ ރެކޯޑު ވަނީ ސާފުކޮށްދީފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ފޯމު މެދުވެރިކޮށް ސާފުކޮށްދީފައިވާ 1947 ފަރާތެއްގެ ކުށުގެ ރެކޯޑާއި، ސަރުކާރުގެ އިދާރާތަކާއި ކުންފުނި އަދި އަމިއްލަ ފަރާތްތައް ހިމެނޭގޮތުން ސާފުކޮށްދީފައިވާ 436 ފަރާތެއްގެ ކުށުގެ ރެކޯޑެވެ.
ތިން މަހަށް ވަކިން ބަލައިލާއިރު، އެންމެ ގިނަ އަދަދަކަށް ކުށުގެ ރެކޯޑު ސާފުކޮށްދީފައި ވަނީ ޖުލައި މަހު އެވެ. ޖުލައި މަހު ފޯމު މެދުވެރިކޮށް 826 ފަރާތެއްގެ ރެކޯޑު ސާފުކޮށްދީފައި ވާއިރު، ސަރުކާރުގެ އިދާރާތަކާއި ކުންފުނި އަދި އަމިއްލަ ފަރާތްތައް ހިމެނޭގޮތުން 300 ފަރާތެއްގެ ރެކޯޑު ވަނީ ސާފުކޮށްދީފަ އެވެ.
އޯގަސްޓު މަހު 842 ފަރާތެއްގެ ކުށުގެ ރެކޯޑު ސާފުކޮށްދީފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފޯމު މެދުވެރިކޮށް ކުށުގެ ރެކޯޑު ސާފުކޮށްދީފައިވާ 782 ފަރާތަކާއި، ސަރުކާރުގެ އިދާރާތަކާއި ކުންފުނި އަދި އަމިއްލަ ފަރާތްތައް ހިމެނޭގޮތުން ކުށުގެ ރެކޯޑު ސާފުކޮށްދީފައިވާ 60 ފަރާތެކެވެ.
ސެޕްޓެމްބަރު މަހު ފޯމު މެދުވެރިކޮށް 339 ފަރާތެއްގެ ރެކޯޑު ސާފުކޮށްދީފައި ވާއިރު، ސަރުކާރުގެ އިދާރާތަކާއި ކުންފުނި އަދި އަމިއްލަ ފަރާތްތައް ހިމެނޭގޮތުން 76 ފަރާތެއްގެ ރެކޯޑު ސާފުކޮށްދީފައިވެ އެވެ.
ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4،554 މީހެއްގެ ކުށުގެ ރެކޯޑު ސާފުކޮށްދީފައި ވާއިރު، މިދިޔަ އަހަރު ނިމުނު އިރު 7،246 މީހެއްގެ ކުށުގެ ރެކޯޑް ވަނީ ސާފުކޮށްދީފަ އެވެ.