12 Dec 2016, 10:57
ވޮޝިންޓަން (ޑިސެމްބަރު 12): ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ގަބޫލުކޮށް ޗައިނާއިން ގެންގުޅޭ 'ވަން ޗައިނާ' ސިޔާސަތަށް އެމެރިކާއިން ތާއިދު ކުރަން ޖެހޭތޯ ޑޮނަލްޑް ޓްރަމްޕް ސުވާލު އުފައްދަވައިފި އެވެ.
"ޗައިނާއާ އެކު ވިޔަފާރި ފަދަ ކަންތަކާ ބެހޭ އެއްބަސްވުމަކާ ނުލައި އަޅުގަނޑުމެން ވަން ޗައިނާ ސިޔާސަތަށް ތާއިދު ކުރަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،" ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
އަދި އެއިންޓަވިއުގައި ޓްރަމްޕް ވަނީ އޭނާ ޓައިވާނުގެ ރައީސާއާ ފޯނުން ވާހަކަ ދެއްކެވުމާ ގުޅިގެން ޗައިނާ އިން ނުރުހުން ފާޅު ކުރި ކަމަށް އިޝާރާތް ކުރައްވާ ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.
"އަޅުގަނޑު އަމަލު ކުރަންވީ ގޮތް ޗައިނާ އިން ކިޔާދިނުން އަޅުގަނޑު ބޭނުމެއް ނޫން. އެއީ އަޅުގަނޑަށް އައި ފޯނެއް. އެއީ ވަރަށް ކުރު، ވަރަށް ރަނގަޅު ފޯނު ކޯލެއް. އެހެން ގައުމަކަށް ކީއްވެތޯ ބުނެވެންވީ އަޅުގަނޑަށް އެފޯނަށް ޖަވާބު ނުދެވޭނެޔޭ. އެފޯނަށް ޖަވާބު ނުދިނުމަކީ ވަރަށް އިހުތިރާމު ކުޑަ ކަމަކަށް ވާނެ ހެން އަޅުގަނޑަށް ހީވަނީ،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ ޗައިނާ އިން އުތުރު ކޮރެއާ އާއި ދެކުނު ޗައިނާ ކަނޑު ފަދަ ބައެއް ކަންތައްތަކާ ބެހޭ ގޮތުން އެމެރިކާއަށް އެއްބާރުލުން ނުދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އަދި ރަޝިއާގެ ހެކަރުން ހިލަރީ ކްލިންޓަންއާ ގުޅުން ހުރި އީމެއިލްތައް ހެކް ކުރީ ޓްރަމްޕަށް އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަން ޔަގީން ކުރުމަށް ޓަކައި ކަމަށް ސީއައިއޭގެ ތަހުގީގުން ދެއްކި ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. (ބީބީސީ)