މީގެ ހަ އަހަރު ކުރިން މަރާލި، ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ)ގެ މަރުގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ހުސޭނުބޭ މަރާލި މައްސަލާގައި ދައުވާ އުފުލާފައިވަނީ ހއ. ހޯރަފުށީ އުންމީދީ މަންޒިލް އަހްމަދު އިބްރާހީމާއި އެރަށު ސޯސަންވިލާ ނުއުމާން އަބްދުﷲގެ އިތުރުން ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ އެރަށު ޅޮހީގޭ މުހައްމަދު ލަތީފްގެ މައްޗަށެވެ.

މައްސަލައިގެ ޚުލާސާ ބަޔާން ހުށަހަޅައި އަޑުއެހުންތައް ނިންމާލާފައި 2014 ވަނަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު ނިންމާލާފައިވާއިރު ހުކުމް މިހާ ދިގު މުއްދަތެއް ނެގީ ކީއްވެ ކަމެއް ނޭންގެ އެވެ.

މީގެ ހަތަރު މަސްކުރިން މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަށްފަހު ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެފައިވަނީ ހަފްތާއެއް ތެރޭގައި ހުކުމް ކުރާނެ ކަމަށެވެ. ނަމަވެސް އެމުއްދަތުވެސް ވަނީ ދިގުލައިގެން ގޮސްފައެވެ.

އެތިން މީހުންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ހުސޭނުބޭ ރަހީނުކޮށް ފަޅުގޯއްޗަކަށް އެއްލާލުމަށްފަހު އަނގަޔަށް ގިނައަދަދެއްގެ ވެލިތަކެއް އަޅައި ނޭވާ ހާސްކޮށްލާފައިވާ ކަމަށް ބުނެ އެވެ.

ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ ހުސޭނުބޭ މަރުވެފައިވަނީ، އަނގަޔަށް ވެލިއަޅައި ހާސްކޮށްލުމުގެ ސަބަބުން ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ދައުލަތުން ވަނީ ވައްކަމުގެ ދައުވާވެސް އުފުލާފައެވެ. އެ ދައުވާގައި ބުނެފައިވަނީ ސެޕްޓެންބަރު 27، 2010، ވަނަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރު އެ ތިން މީހުން ހުސޭނުބޭ ދިރިއުޅޭ ގެއިން 100000 އަށް ވުރެ ގިނަ ރުފިޔާ އާއި 1000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒް ވަގަށް ނަފާފައިވާ ކަމަށެވެ.

މައްސަލާގައި ދައުވާ ލިބޭ ބައެއް މީހުންނާ ގުޅުން ހުރި ތަންތަނުން ބައެއް ފައިސާ ފެނިފައިވާ ކަމަށް ދައުލަތުން ހުށަހެޅި ބައެއް ހެކިން ވަނީ ކޯޓުގައި ބުނެފައެވެ.