19:00


ޓީވީ މޯލްޑިވްސް އަށް ބައެއް އިކުއިޕްމަންޓް ގަތުމަށް ކުރީގެ ސަރުކާރުން ހިންގައިފައިވާ 12 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓަކީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށް ބުނެ އެކަން ބަލައިދިނުމަށް އެމްއެންބީސީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.


އެމްއެންބީސީގެ ޑީޕިއުޓީ މެނެޖިން ޑިރެކްޓަރ އާދަމް ޝަރީފް މިއަދު ވިދާޅުވީ، ނޮން ލީނިއަރ އެޑިޓިން ސިސްޓަމްތަކެއް ގަނެ، އައިޓީ އިންސްފްރާންސްޓްރަކްޗަރ ގާއިމް ކުރުމަށް ހިންގާފައިވާ ޕްރޮޖެކްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުއްވީ، ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ހިންގާފައިވާ މި ޕްރޮޖެކްޓަކީ، ދައުލަތުގެ މުދަލާއި، ފައިސާ ގެންގުޅުމުގެ ގަވާއިދާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށް ފެންނާތީ ކަމަށެވެ. މިގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި، މެނިފެކްޗަރުންނާއި، މަޝްހޫރު ސަޕްލަޔަރުން ތިއްބާ އެ ފަރާތްތަކުން އަގު ނުހޯދައި، ސްރީލަންކާގެ އެޖެންޓެއް މެދުވެރިކޮށް ޕްރޮޖެކްޓަށް ތަކެތި ގަނެފައިވުމާއި، މީހުން ބިނާކުރުމަށާއި އިންސްޓަލޭޝަނަށް އަށްޑިހަ ހާސް އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ޕްރޮޖެކްޓް އެގްރީމެންޓުން ދައްކާއިރު ޕްރޮޖެކްޓް ބެލެހެއްޓި ފަރާތް އެއް ހަފްތާގެ ތަމްރީން ދަތުރެއް އިނގިރޭސި ވިލާތަށް ކުރުން ފިޔަވައި އިތުރު މުވައްޒިފުން ތަމްރީންކޮށްފައި ނެތުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ޕްރޮޖެކްޓް ހިންގާފައިވާ ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި މި ބާވަތުގެ ތަކެތީގެ އަގުތައް ހުރި ވަރަށްވުރެ ބޮޑު އަގެއްގައި ތަކެތި ގަނެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި ޕްރޮޖެކްޓް ހިންގާފައިވާ ފަރާތް ފިޔަވައި އިތުރު މީހަކަށް ޕްރޮޖެކްޓްގެ ތަފްސީލް މައުލޫމާތު އެނގެން ނެތުމާއި، ގަނެފައިވާ ކަމަށް ލިސްޓްތަކުން ފެންނަން ހުރި ހުރިހާ އިކުއިޕްމެންޓެއް އިންވެންޓްރީގައި ހިމެނިފައިނެތުން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އާދަމް ޝަރީފް އަދި ވިދާޅުވީ، މި މައްސަލައިގެ އިތުރުން، ކޮރަޕްޝަނަށް މަގުފައިވާ ކަންތައްތަކެއް ފާހަގަކުރެވޭ އިތުރު މައްސަލަތަކެއް ވެސް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެމްއެންބީސީގެ ދަށުން މިހާރު ހިނގާ ތަންތަނުގައި ކޮރަޕްޝަން މައްސަލައެއް ހިނގާ ކަމަށް ޝައްކު ކުރެވޭނަމަ، އެކަމެއް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަންގައި އެދިފައިވާނެ ކަމަށާއި، އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.


ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ޓީވީ މޯލްޑިވްސް ހިންގަވައިފައި ވަނީ މިނިސްޓަރ އޮފް އިންފޮމޭޝަން ސަމަރުބުލޫ އިބްރާހިމް މަނިކުގެ ދަށުންނެވެ.