11 Dec 2016, 16:00
ތެޔޮ އުފައްދައި، އޭގެ ވިޔަފާރި ކުރާ ގައުމުތަކުގެ ޖަމިއްޔާ، އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)ގެ އެއްބަސްވުމާ އެއްގޮތަށް ތެޔޮ އުފެއްދުން މަދު ކުރުމަށް، އެޖަމިއްޔާގައި ނުހިމެނޭ، ތެޔޮ އުފައްދާ ގައުމުތަކުން ވެސް އެއްބަސްވެއްޖެ އެވެ.
މި ބަދަލު ގެނައުމަށް ނިންމީ ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު މާ ބޮޑަށް ދަށްވެ، އޭގެން ގައުމުތަކަށް ލިބޭ ނަފާ އަށްވުރެ ބޮޑަށް ގެއްލުން ލިބެމުންދާތީ ތެލުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށެވެ. އެގޮތުން އޯޕެކްގައި ނުހިމެނޭ 11 ގައުމަކުން ވެސް ތެޔޮ އުފައްދާ މިންވަރު މަދު ކުރުމަށް މިހާރު މިވަނީ އެއްބަސްވެފަ އެވެ.
ތެލުގެ އަގުތައް ދަށްވާން ފެށީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. އޯޕެކްގެ އެ ނިންމުމާ އެކު، މިދިޔަ ދެ އަހަރު ދުވަސް ތެރޭގައި ދަށަށް ގޮސްފައިވާ ތެލުގެ އަގުތައް ވަނީ ކުއްލިއަކަށް މައްޗަށް އަރައިފަ އެވެ. އެގޮތުން މި މަހުގެ އެއްވަނަ ދުވަހު 46.48 ޑޮލަރުގެ އަގުގައި ހުރި ތެޔޮ ފީފާއެއްގެ އަގު ވަނީ 4.5 ޕަސެންޓަށް އިތުރުވެ، 54.19 ޑޮލަރަށް މައްޗަށް އަރައިފަ އެވެ.
އޯޕެކްގައި ނުހިމެނޭ ގައުމުތަކުން މިކަމަށް އެއްބަސްވުމާ އެކު ދުނިޔޭގެ މާކެޓުގައި މިއަދު ތެޔޮ ފީފާއެއްގެ އުޅެނީ 54.33 ޑޮލަރުގަ އެވެ.
ތެޔޮ އުފެއްދުން މަދު ކުރުމާ ގުޅޭ ގޮތުން އޯޕެކްގައި ނުހިމެނޭ ގައުމުތަކާ އެކު މަޝްވަރާ ކުރުމަށް އޮސްޓްރިއާގައި ހުންނަ އޯޕެކްގެ ހެޑްކުއާޓާސްގައި ބޭއްވި ބައްދަލުވުމުގައި ރަޝިއާ ހިމެނޭ ގޮތަށް 11 ގައުމަކުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި އަޒާބައިޖާން، އޯމާން، މެކްސިކޯ، ސޫދާން، ސައުތް ސޫދާން، ބަހްރައިން ހިމެނެ އެވެ.
މި ގައުމުތަކުން އެއްބަސްވީ، ކޮންމެ ގައުމަކުން އުފައްދާ ތެލުގެ މިންވަރުން، ދުވާލެއްގެ މައްޗަށް 558،000 ފީފާގެ ތެޔޮ އުފެއްދުން މަދު ކުރުމަށެވެ. މިއީ މިދިޔަ 15 އަހަރު ތެރޭގައި ވެސް ތެޔޮ އުފައްދާ ހުރިހާ ގައުމަކުން މިފަދަ އެއްބަސްވުމަކަށް އިއްތިފާގުވި ފުރަތަމަ ފަހަރެވެ.
މިފަދަ އެއްބަސްވުމެއް ގާއިމް ކުރެވި، އޯޕެކް ނުހިމެނޭ ގައުމުތަކުން ވެސް އެއްބަސްވެފައިވާ އިރު ތެޔޮ އުފެއްދުން މަދު ކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ ޖެނުއަރީ މަހު އެވެ.
ތެލުގެ އަގު ހަމައަކަށް އެޅުވުމަށް ވެވުނު މިއެއްބަސްވުމުގެ ޕްރޮގްރެސް ބެލުމަށް ޓަކައި އަންނަ އަހަރުގެ މޭއި މަހުގައި އެޖަމިއްޔާގެ ބައްދަލުވުމެއް ވަނީ ތާވަލްކޮށްފަ އެވެ.