11 Dec 2016, 15:34
ފޭސްބުކުގައި ނިއުސްފީޑް ބަލަމުންދާ ވަގުތު ވަކިން ޓެބެއް ނުހުޅުވައި، އަމިއްލަ ސްޓޭޓަސްއަށް މީހުން ކުރާ ކޮމެންޓުތައް ބަލަމުން، އެއަށް ރިޕްލައި ކުރަމުން ދާން ބޭނުން ހެއްޔެވެ:؟ އެފަދަ ބަދަލެއް ބޭނުންވާ ފަރާތްތަކަށް މިއީ އުފާވެރި ހަބަރެކެވެ.
ޑެއިލީ މެއިލްއާ ވާހަކަ ދައްކަމުން ފޭސްބުކުގެ ތަރުޖަމާނަކު ބުނި ގޮތުގައި އެކުންފުނިން ދަނީ މެސެޖެއް އައުމުން ހުޅުވޭ ފަދަ ޕޮޕްއަޕް ވިންޑޯއެއް ކޮމެންޓުތަކަށް ހުޅުވޭ ފީޗާއެއް ޓެސްޓު ކުރަމުންނެވެ.
"ނިއުސްފީޑުގައި ހުރެގެން ވެސް ވަކި ޕޯސްޓެއްގައި ދައްކާ ވާހަކަތަކުގައި ބައިވެރިވެވޭނެ ފަސޭހަ ގޮތެއް ހޯދައި ދިނުމަށް ބައެއް މީހުން އެދިފައިވޭ. އެހެންވެ އަމިއްލަ ޕޯސްޓަކަށް އެހެން މީހަކު ކޮމެންޓު ކުރުމުން ނުވަތަ ކޮމެންޓަކަށް ރިޕްލައި ކުރުމުން ނުވަތަ ކޮމެންޓެއްގައި ޓެގް ކުރުމުން (ޕޮޕްއަޕް) ވިންޑޯއެއް ހުޅުވޭ ގޮތަށް އެބަ ޓެސްޓު ކުރަން،" ފޭސްބުކުގެ ތަރުޖަމާނަކު ބުންޏެވެ.
އަދި އެވިންޑޯ މިނިމައިޒް ކުރެވެން ހުންނަ އިރު އެވިންޑޯ އެއްގޮތަކަށް ވެސް ފެންނަން ބޭނުން ނުވާ ނަމަ އެމީހަކު ކުރާ ޕޯސްޓެއްގެ މެނިއު އަށް ގޮސް ކޮންވަޒޭޝަން ހައިޑް ކޮށް ނުވަތަ ނޮޓިފިކޭޝަންތައް އޮފް ކުރެވިދާނެ ކަމަށް ތަރުޖަމާނު ބުންޏެވެ.
އާފީޗާގެ ސަބަބުން އެމީހަކު ކޮމެންޓު ކުރާ ކޮންމެ ޕޯސްޓަކަށް އަންނަ ރިޕްލައިތަކަށް އާވިންޑޯއެއް ހުޅުވޭނެ ކަމަށް ފޭސްބުކުން ބުނެފައި ނުވާ އިރު ބައެއް ފަރާތްތަކުން ވަނީ އެފީޗާގެ ސަބަބުން ފޭސްބުކު ބޭނުން ކުރަން އިތުރަށް އުނދަގޫވާނެ ކަމަށް ބުނެފަ އެވެ.