11 Dec 2016, 14:03
ނިއު ދިއްލީ (ޑިސެމްބަރު 11): އިންޑިއާ އިން މިދިޔަ މަސް ތެރޭގައި އުވާލީ 500 އާއި 1000 ރުޕީސްގެ އެއް ބިލިއަން ރުޕީސްް (14،818،120 ޑޮލަރު) ނިއު ދިއްލީގައި ހުންނަ އެކްސިސް ބޭންކުގެ ބްރާންޗެއްގައި ހަދާފައިވާ 44 ފޭކު އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށް އިންކަމް ޓެކްސް ޑިޕާޓްމެންޓުން ބުނެފި އެވެ.
ސައްހަނޫން ޑޮކިއުމެންޓުތައް ބޭނުންކޮށްގެން އެ ފޭކު އެކައުންޓުތައް ހަދާފައި ވަނީ ރަން ގަންނަން ފައިސާ ޖަމާ ކުރަން ކަމަށް ލަފާ ކުރެވޭ ކަމަށް އޮފިޝަލުން ބުންޏެވެ.
އެމައްސަލައާ ގުޅިގެން އެކްސިސް ބޭންކުން ވަނީ ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ބޭންކުގެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި މައްސަލަ ބަލަމުންދާ ފަރާތްތަކަށް އެއްބާރުލުން ދެމުންދާ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން ޓެކްސް އޮފިޝަލުން ވަނީ މަނީ ލޯންޑްރިންގެ މައްސަލައެއްގައި އެކްސިސް ބޭންކުގެ ތިން މެނޭޖަރަކު ތިން ކިލޯގެ ރަނާއެކު ހައްޔަރުކޮށްފަ އެވެ.
މިދިޔަ މަހުގެ އަށް ވަނަ ދުވަހު އުވާލި 500 އާއި 1000 ރުޕީސް އާ ފައިސާ އަށް ބަދަލު ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ މިމަހުގެ ނިޔަލަށް ފުރުސަތު ދީފަ އެވެ.
އަދި ސަރުކާރުން ވަނީ ޓެކްސް ނުދައްކާ ފޮރުވައިގެން ގެންގުޅޭ ފައިސާ އާއި މުދާ ޑިޕޮސިޓް ކުރުމަށް ވެސް މުހުލަތެއް ދީފަ އެވެ. އެމުއްދަތު ތެރޭގައި އެފަދަ ފައިސާ އާއި މުދަލަށް ޓެކްސް ނުދައްކައިފި ނަމަ ޖޫރިމަނާ ބޮޑުވާނެ ކަމުގެ އިންޒާރު އިންޑިއާ ސަރުކާރުން ވަނީ ދީފަ އެވެ. (އެންޑީޓީވީ)