11 Dec 2016, 13:21
ދޮން ބޮޑުވެ، ބެޓެރީ ގޮވައި، އަލިފާން ރޯވުމުގެ މައްސަލަ ކުރިމަތިވެފައިވާ، ސެމްސަންގްގެ ނޯޓު 7 ފޯނު މަސައްކަތް ކުރުން ހުއްޓުވޭނެ ފަދަ ސޮފްޓްވެއާ އަޕްޑޭޓެއް ފޮނުވުމަށް އެ ކުންފުނިން ނިންމައިފި އެވެ.
ސެމްސަންގް ނޯޓު 7 ފޯނުގައި މައްސަލަތަކެއް ހުރިކަން އެނގުމާ އެކު، ސެމްސަންގްއިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާފައިވާ ހުރިހާ ފޯނެއް އަނބުރާ އެކުންފުންޏަށް ހަވާލުކުރުމަށް ގޮވާލައިފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ފޯނުތަކެއް ކުންފުންޏަށް ނަގައި، އޭގެ ބަދަލު ވެސް ވަނީ ދީފަ އެވެ.
ސެމްސަންގް އިން ބުނީ، މަދުމަދުން ނަމަވެސް، އަދިވެސް ގެލެކްސީ ނޯޓު 7 ބޭނުންކުރަމުން ދާ ކަމަށާއި، އެ ފޯނުގެ "ބޭނުން ކަނޑުވާލައި"، ބޭނުންކުރުން ހުއްޓުވުމަށް ޓަކައި، އެމެރިކާގައި ޑިސެމްބަރު މަހުގެ މެދުތެރޭގައި ސޮފްޓްވެއާ އަޕްޑޭޓެއް ނެރޭނެ ކަމަށެވެ.
މި އަޕްޑޭޓު ފޯނަށް އިންސްޓޯލް ކުރުމުން ފޯނު ޗާޖުކުރުމާއި ރަނގަޅަށް މަސައްކަތް ކުރުމަށް ހުރަސް އެޅި، އޭގެ ބޭނުން ކެނޑޭނެ އެވެ.
ސެމްސަންގް އިން ބުނީ އެމެރިކާގައި ވިއްކި ފޯނުތަކުގެ 93 ޕަސަންޓު މިހާރު އަނބުރާ ލިބިފައިވާ ކަމަށެވެ.
ސެމްސަންގް ގެލެކްސީ ނޯޓު 7 އަށް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ދުނިޔޭގެ އެއާލައިންތަކުގެ މަތިންދާ ބޯޓުތަކަށް އެ ފޯނު އެރުވުން ވަނީ މަނާކޮށްފަ އެވެ.
އަދި އެ ފޯނު ބޭނުންކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.