މަސްތުވާތަކެއްތި ކަމަށް ބެލެވޭ އެއްޗެއް ހުރި 262 ރަބަރު ޕެކެޓާ އެކު ކ. މާފުށިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސާއި ކ. މާފުށި ޕޮލިސް ސްޓޭޝަން ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު 2:45 އެހާކަންހާ އިރު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އުމުރުން 28 އަހަރާއި 20 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

މާފުށީ ބަނދަރު ސަރަހައްދުން ހައްޔަރުކުރި ދެ މީހުން ފުލުހުން ފެނުމާ އެކު އެމީހުންގެ އަތުގައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތައް އުކާލި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.