11 Dec 2016, 12:28
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަމަލުކުރުން ލާޒިމުވާ، އަޚުލާގީ މިންގަނޑަކާއި، މެމްބަރުން އަދާކުރަންޖެހޭ ޒިންމާތައް ބަޔާންކޮށް، މެމްބަރުންނަށް "ކޯޑް އޮފް ކޮންޑަކްޓް"އެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެކުލަވާލައިފިއެވެ.
ސްރީލަންކާގެ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުން، މި ކޯޑް އޮފް ކޮންޑަކްޓް ވަނީ، ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރު ޖަޔަސޫރިޔާގެ ރުހުން ހޯދުމަށް، އޭނާއަށް ފޮނުވައިފައެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަމަލުކުރުމަށް އެކުލަވާލި ކޯޑް އޮފް ކޮންޑަކްޓްގައި މައިގަނޑު 13 ބައެއް ހިމެނެއެވެ. އޭގެ ތެރޭގައި، މެމްބަރުންގެ އަޚުލާގީ މިންގަނޑާއި، މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކުރަންޖެހޭ ކަންކަމާއި، މެމްބަރުންގެ ބާރުތަކާއި، މަޖިލީހުގައި އަދާކުރަންޖެހޭ ޒިންމާތަކުގެ އިތުރުން ދާއިރާގެ ރައްޔިތުންނަށް އަދާކޮށްދޭންޖެހޭ ކަންކަމް ހިމެނެއެވެ.
މި ކޯޑް އޮފް ކޮންޑަކްޓް އެކުލަވާލާފައިވަނީ، ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ޚިޔާލު ހޯދައި، ހުރިހާ ޚިޔާލަކާއި ހުށަހެޅުންތައް ބަލައިގަނެގެންނެވެ.
ގާނޫނު ހަދާ މަޖިލީހުން އެކުލަވާލި ކޯޑް އޮފް ކޮންޑަކްޓަކީ، އެ މަޖިލީހުގެ ހުރިހާ މެމްބަރުން އަމަލުކުރަން ލާޒިމުކުރާ އެއްޗެކެވެ. ބޮޑުވަޒީރާއި، ޕާލަމެންޓް ހައުސް ލީޑަރާއި އޮޕޮޒިޝަން ލީޑަރުން ވެސް ހިމެނޭ ގޮތަށް، އެ މެމްބަރުން މުޖުތަމައު ތެރޭގައި ނުކުމެ އުޅޭއިރު މި ކޯޑް އޮފް ކޮންޑަކްޓަށް އަމަލުކުރަން ޖެހެއެވެ. ނަމަވެސް އެފަރާތްތަކުގެ ޒާތީ ދިރިއުޅުން މީގެ ދަށުން ރެގިއުލޭޓެއް ނުކުރެވޭނެއެވެ.