ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުންގެ އަގުވަޒަންކުރުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 'މޯލްޑިވްސް ފުޓްބޯލް އެވޯޑްސް'ގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސް އަކީ އެފްއޭއެމް އާއި ފުޓްބޯޅަ ހަބަރުތައް ގެނެސްދެމުން އަންނަ މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމްއާ ގުޅިގެން ދޭ އެވޯޑެކެވެ.

އެ އެވޯޑު ދިނުމަށް ނިންމާފައިވާ ކަން އިއުލާން ކޮށްފައިވަނީ މިއަދު ހެނދުނު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސައިން (ޖަވާ) އަދި މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމްގެ ފައުންޑަރ ޝިމާޒް އަލީ ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ، މި މަހުގެ 29 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ނައިޓްގެ ސަބަބުން ވާދަވެރިކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މިފަދަ އެވޯޑެއް ދިނުމަކީ ރަނގަޅު ފެށުމަކަށް ވެގެންދާނެ. މިއީ ދިވެހި ފުޓްބޯޅަ އަށް މިވަގުތަށް ވަރަށް މުހިންމު ކަމެއް. ކްލަބުތަކާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ މެދުގައި ވާދަވެރިކަން އިތުރު ކުރުމަށް އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި އިތުރު ކެޓަގަރީތަކެއް ހިމަނާނަން،" ބައްސާމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ފުޓްބޯލްގެ ފައުންޑަރ ޝިމާޒް ވިދާޅުވީ، މިފަހަރު ހަތަރު އެވޯޑެއް ދިނުމަށް ނިންމާފައިވާ ކަމަށާއި ޕޮއިންޓް ދިނުމަށް ފަސް މެންބަރުންގެ ޖަޖުންގެ ޕެނަލެއް އެކުލަވާލާނެ ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު ދޭ އެވޯޑުތަކަކީ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އަދި އެންމެ އުންމީދީ ކުޅުންތެރިޔާ އަށް ދޭ އެވޯޑު. އެ އެވޯޑުތައް ހޮވާއިރު ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކޯޗުންނާއި، ފުރަތަމަ ޑިވިޝަންގެ ކެޕްޓަނުންނާއި، ނޫސްވެރިން އަދި ވެޓެރަންސް ކުޅުންތެރިންގެ ދައުރު ވެސް ހިމެނޭނެ،" އޭނާ ވިދާޅުވި އެވެ.

ޝިމާޒް އިތުރަށް ވިދާޅުވީ، ޖަޖުންގެ ޕެނަލްގައި ހިމެނޭ ފަސް މެންބަރުންގެ ތެރޭގައި ޓެކްނިކަލް ތިން ބޭފުޅަކާއި ދެ ނޫސްވެރިން ހިމެނޭނެ ކަމަށާއި އެ ޕެނަލަށް ނޫސްވެރިން ނެގުމަށް ބައެއް ނޫސްވެރިންނާ ވާހަކަދައްކަމުން އަންނަ ކަމަށެވެ. އެ ޕެނަލްގައި ހިމެނޭ ޓެކްނިކަލް ތިން މެންބަރުންނަކީ ވެޓެރަންސް ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުﷲ އާމިރު އާއި، ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މެހެފޫޒް (އިންމަ) އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝާހިދު އެވެ.