11 Dec 2016, 12:23
ޕަލޮއަލްޓޯ (ޑިސެމްބަރު 11): އެމެރިކާގެ ކެލިފޯނިއާއަށް އުފަންވި އިރު ހަށިގަނޑުން ގުޅިފައިވާ ދެ އަންހެން ކުދިން ކަމަށްވާ އީވާ އާއި އެރިކާ ސަންޑޮވާލް 17 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ވަކިކޮށްފި އެވެ.
އުމުރުން ދެ އަހަރުގެ އެ ދެ ކުދިންގެ ބްލެޑާ އާއި ފުރަމެ އާއި ހަޖަމު ކުރާ ނިޒާމުގެ ބައެއް ބައިތައް ވަކި ކުރުމަށް ކުރި އޮޕަރޭޝަނަށް ފަހު ދެކުދިންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް އޮޕަރޭޝަން ކުރިއަށް ގެންދިޔަ ލުސިލް ޕެކާޑް ޗިލްޑްރެންސް ހޮސްޕިޓަލް ސްޓެންފޯޑުން ބުނެ އެވެ.

އުމުރުން ދެ އަހަރުގެ އީވާ އާއި އެރިކާގެ އޮޕަރޭޝަނުގެ ތެރެއިން -- ފޮޓޯ: އޭޕީ
އެ އޮޕަރޭޝަނަށް ފަހު ދެކުދިންގެ މައިންބަފައިން ވަނީ އެއީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ބުނެ އުފާ ފާޅުކޮށްފަ އެވެ.
"ދެ ކުދިންގެ ހާލުވެސް ވަރަށް ރަނގަޅު. މިހާރު ދެކުދިން އަރާމު ކުރަނީ،" ދެކުދިންގެ މަންމަ އައިޑާ ސަންޑޮވާލް ބުންޏެވެ.

އޮޕަރޭޝަަނަށް ފަހު ދެ ކުދިންގެ މަންމަ އާއި ބައްޕަ އަދި ދައްތަ އާއި ބޭބެ އުފާ ފާޅު ކުރަނީ -- ފޮޓޯ: އޭޕީ
އޮޕަރޭޝަނަށް ފަހު އެރިކާ އާއި އީވާ ދެ ހަފްތާ ވަންދެން އައިސީޔޫގައި ބާއްވާނެ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ބުންޏެވެ.
ބޮލުން ގުޅިފައިވާ ދެބެއިން ވަކި ކުރުމަށް ހަތް އޮޕަރޭޝަނެއް ކޮށްފައިވާ ޑޮކްޓަރެއް ކަމަށްވާ ޖޭމްސް ގުޑްރިޗް ވިދާޅުވި ގޮތުގައި އެފަދަ އޮޕަރޭޝަނަކަށް ފަހު އަންނަ ތިން ދުވަސް ތެރޭގައި އިންފެކްޝަނެއް ލޭގެ މައްސަލައެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމުން އެތިން ދުވަސް ތެރޭ ދެ ކުދިންގެ ހާލު ވަރަށް ކައިރިން ބަލަން ޖެހޭނެ އެވެ.
ދެބެއިން އުފަންވާއިރު ހަށިގަނޑުން ގުޅިފައި ވުމުގެ ފުރުސަތަކީ 200،000 ފަހަރުން އެކަކެވެ. އޭގެ ތެރެއިން 50 ޕަސެންޓު ކުދިން އުފަންވުމުގެ ކުރިން މަރުވުމުގެ ފުރުސަތު އޮންނަ އިރު 35 ޕަސެންޓު ކުދިން ދިރި އޮންނަނީ އެއް ދުވަހަށް ކަމަށް ޔުނިވާސިޓީ އޮފް މެރީލޭންޑް މެޑިކަލް ސެންޓަރުން ބުނެ އެވެ.
ހަށިގަނޑުން ގުޅިފައިވާ ކުޑަކުދިން ވަކި ކުރުމަށްޓަކައި މިހާތަނަށް ކާމިޔާބު ކަމާއެކު ކޮށްފައި ވަނީ 100 ވަރަކަށް އޮޕަރޭޝަނެވެ. ސްޓެންފޯޑު ޔުނިވާސިޓީގެ ޑޮކްޓަރުން ލަފާ ކުރާ ގޮތުގައި އެފަދަ އޮޕަރޭޝަނެއްގައި ދެ ބެއިން ނުވަތަ އޭގެ ތެރެއިން އެއް ކުއްޖަކު މަރުވުމުގެ ފުރުސަތު 30 ޕަސެންޓަށް އަރަ އެވެ. (އޭޕީ)