އަމިއްލަ ހަށިގަނޑަށް އަނިޔާ ދީގެން މިދިޔަ ބުރާސްފަތި ދުވަހު މަރުވާން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އަމިއްލައަށް މަރުވާން އުޅުނު މައްސަލައެއްގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވެސް ވަނީ ޔަގީންކޮށްދެއްވައިފަ އެވެ. ނަމަވެސް އެއީ 26 އަހަރުގެ ފިރިހެނެއް ކަމަށް ބުނުމުގެ އިތުރުން އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެ މީހާ މަރުވާން އުޅެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އަމިއްލައަށް މަރުވާން އުޅުމަކީ ރާއްޖޭގައި ގާނޫނީ ގޮތުން މަނާ ކަމެކެވެ. އަދި އެފަދަ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އޮފީހުން ޖިނާއީ ކުށުގެ ދައުވާ ވެސް އުފުލަ އެވެ. އާންމު ގޮތެއްގައި އެފަދަ މައްސަލަތަކުގައި ޕީޖީ އޮފީހުން ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުންނެވެ.

ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށާއި އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމަށެވެ. އަދި އެފަދަ ކުށެއް ކުރި މީހަކު 150ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.