ވޮޝިންޓަން (ޑިސެމްބަރު 11) : އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕަށް ކާމިޔާބުކޮށް ދިނުމަށް ޓަކައި ރަޝިޔާއިން ބޮޑެތި މަސައްކަތްތަކެއް ކޮށް ނުފޫޒުތަކެއް ހިންގިކަމުގެ ވާހަކަ ދައްކާ ފަރާތްތަކަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ދޮގާއި މަކަރުތައް ވެސް ހެދި ފަރާތްތައް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގައި ދާދިފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވިކަން ސާބިތުވާކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށް ބުނެ އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ ސީއައިއޭ އިން ނެރުނު ބަޔާނަށް ރައްދު ދެއްވައި ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ ރައްޔިތުންނަށް އޮޅުވާލައި މަކަރު ހެދުމުގައި ވެސް ހައްދެއް އޮންނާނެ ކަމަށާއި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ ދޮގާއި މަކަރު ހެދި މީހުން މިއަދު ރިޔާސީ އިންތިޚާބުގެ މައްސަލާގައި ވެސް ދޮގު ހަދަމުންގެންދިޔުމަކީ އެމެރިކާގެ ރައްޔިތުން އެކަމާ މެދު ވިސްނަން ޖެހޭ ކަމެއްކަމުގަ އެވެ.

ސީއައިއޭގެ ބަޔާނާ ގުޅިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އެމެރިކާގެ ރިޔާސަތު ޓްރަމްޕަށް ކާމިޔާބުކޮށް ދިނުމަށް ޓަކައި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ސީއައިއޭ އިން ބުނާ މައްސަލަ ގައުމީ ފެންވަރުގައި ތަހްގީގް ކުރުމަށް އެދިވަޑައިގެންފަ އެވެ. އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ ސީއައިއޭ އަކީ އިރާގުގެ މައްސަލާގައި ދޮގު ހެދުމުގެ އިތުރުން ބައިނަލްއަގްވާމީ ޓެރަރިޒަމަށް ވެސް ސިއްރިޔާތުގައި އެހީތެރިކަން ފޯރުކޮށްދޭ ގޭންގެއް ފަދަ ޖަމާއަތެއް ކަމަށް ސިފަކުރެވޭ އެޖެންސީއެކެވެ.

އެމެރިކާގެ ސިޔާސަތަށް ފާޑުކިޔާ ދުނިޔޭގެ އެކި ގައުމުތަކުގެ މިނިވަން ޚިޔާލުގެ ލީޑަރުން އަވަހާރަކޮށްލުން ފަދަ ޓެރަރިޒަމްގެ އެތަށް އަމަލުތަކެއް ހިންގުމުގެ ފަހަތުގައި ސީއައިއޭ ވާކަން އެއީ ތުހުމަތަކަށް ވުރެ ގިނަ ބަޔަކު ގަބޫލުކުރާ ހަގީގަތެކެވެ.

ކިޔުބާގެ ރައީސް ޑރ. ފިޑެލް ކާސްޓްރޯ އަވަހާރަކޮށްލުމަށް 500 އަށް ވުރެ ގިނަ ފަހަރު މަސައްކަތްކުރި ކަމުގެ ތުހުމަތު ސީއައިއޭގެ މައްޗަށް ކުރެވޭ އިރު ޚުދު އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖޯން އެފް ކެނެޑީ އަވަހާރަކޮށްލުމުގައި ވެސް ސީއައިއޭގެ އަތެއްވާ ކަމަށް ވަނީ ބެލެވިފަ އެވެ.

ޕޫޓިން

އަދި ދުނިޔޭގެ އެތައް ގައުމުތަކަކަށް މިލިޓަރީ އިންގިލާބުތައް ގެނަސް ޑިމޮކްރެޓިކް ސަރުކާރުތައް ވައްޓާލައި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުތައް އުފެއްދުމާއި ލީބިޔާގެ ކުރީގެ ޒައީމް ކާނަލް ގައްޒާފީ އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ތުހުމަތު ވެސް ސީއައިއޭގެ މައްޗަށް ކުރެވިފައިވެ އެވެ. އަދި ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް މުހައްމަދު ޟިޔާއުލްހައްގު އާއި ޗިލީގެ ކުރީގެ ރައީސެއްކަމަށްވާ ސެލްވަޑޯ ލެނިންޑީ އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގިކަމުގެ ތުހުމަތު ވެސް ކުރެވެނީ ހަމަ ސީއައިއޭގެ މައްޗަށެވެ.

މީގެ އިތުރުން އިރާގަށް އެމެރިކާ އަރައި ގަތުމަށް މަގުފަހި ކުރުވުމަށް ޓަކައި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ އެމެރިކާގެ ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ދޮގުހެދީ ވެސް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިންކަންވަނީ ބޭޒާރުވެފަ އެވެ. މިބޭޒާރު ވުމާ ގުޅިގެން ސީއައިއޭގެ ހަގީގީ ޓެކްނިކަލް ފެންވަރާއި އެއީ ނަޒާހަތްތެރި ޖާސޫސީ އިދާރާއެއްތޯ ނޫނީ ގޭންސް ސްޓައިލްގެ ޓެރަރިސްޓް ޖަމާއަތެއްތޯ އެމެރިކާގެ އެތެރޭގައި ވެސް ވަނީ ސުވާލު އުފެދިފަ އެވެ. އަނެއްކޮޅުން ސެޕްޓެމްބަރު 11ގެ ހަމަލާތަކުގެ ފަހަތުގައި ވެސް ސީއައިއޭ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދެކޭމީހުން އެމެރިކާގައި ވެސް އެބަތިއްބެވެ.

ސީއައިއޭ ރައްދު ދެއްވައި ޓްރަމްޕް ނެރުއްވި ބަޔާނުގައި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ ދޮގާއި މަކަރުތައް ހެދި ފަރާތްތަކުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ މައްސަލާގައި ވެސް ދޮގާއި މަރުކަރު ހަދާނެކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވި ބަސްފުޅު ރައްދުވަނީ ސީއައިއޭ އަށް ކަމަށް މުރާސިލުން ބުނެ އެވެ. ނަމަވެސް ޓްރަމްޕްގެ ބަޔާނުގައި ސީއައިއޭގެ ނަން ސީދާ ގޮތެއްގައި ވިދާޅުވެފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)