11 Dec 2016, 09:32
އިސްތަންބޫލު (ޑިސެމްބަރު 11): ތުރުކީގެ އިސްތަންބޫލުގެ ފުޓުބޯޅަ ސްޓޭޑިއަމްއެއް ކައިރީ ދިން ބޮމުގެ ދެ ހަމަލާއެއްގައި 29 މީހަކު މަރުވެ، 166 މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
އިސްތަންބޫލުގެ ސްޓޭޑިއަމްއެއް ކަމަށްވާ ވޮޑަފޯން އެރީނާ ކައިރީ ހަމަލާތައް ދީފައި ވަނީ ތުރުކީގެ ދެ ޓީމެއް ކުޅެ ނިމުނުތާ ދެ ގަޑި އިރު ފަހުން ކަމަށާއި އޭރު ހުރިހާ ސަޕޯޓަރުން ވަނީ ސްޓޭޑިއަމް ދޫކޮށް ގޮސްފައި ކަމަށް ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލެއިމާން ސޮއިލޫ ވިދާޅުވި އެވެ.
"އެއީ މެޗު ނިމި، ހުރިހާ ސަޕޯޓަރުން ދިޔަ ފަހުން ސްޕެޝަލް ޕޮލިސް ފޯސް ތިބި ސަރަހައްދެއްގައި ކާރެއް ގޮއްވާލައިގެން ދިން ހަމަލާއެއް ކަމަށް ލަފާ ކުރެވެނީ،" މިނިސްޓަރު ސޮއިލޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެސަރަހައްދުގައި ހުރި ޕާކަކަށް ދިން ދެވަނަ ހަމަލާއަކީ އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއް ކަމަށް ލަފާ ކުރެވެ އެވެ.
ތުރުކީގެ ނޫސް ޗެނަލް އެންޓީވީން ބުނި ގޮތުގައި ފުރަތަމަ ހަމަލާ އަމާޒު ކޮށްފައި ވަނީ ފުލުހުން ތިބި ބަހަކަށެވެ.
އެހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައި ނުވާ އިރު ހަމަލާތަކާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެ އެވެ. (ބީބީސީ)